ވޯޓު ކަރުދާހާ ބެހޭ މައްސަލައެއް ބަލާ ކަމެއް ނާންގާ، ނައްތައިލީ މުއްދަތަށް ފަހު: އީސީ ޝަރީފް

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްތައް ނައްތާލާފައި ވަނީ ގާނޫނުގައި އެ ކަން ކުރަން ބުނެފައިވާ މުއްދަތަށް ވުރެ ވެސް ފަހުން ކަމަށާއި އެކަމާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން އަންނަކަން އަންގާފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.


އިންތިޚާބުގައި ބޭނުންކުރި ކަރުދާސްތައް މިހާރު ޝްރެޑް ކޮށްފައިވާއިރު، އެ ނައްތައިލުމަށް ފަޔާ އެންޑް ރެސްކިއުއާ ހަވާލު ކުރާނެ ކަމަށް މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އަދި ވޯޓު ކަރުދާސް ނައްތައިލިކަން ޝަރީފް އިއުލާން ކުރެއްވިތާ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ މިއަދު ހަވީރު 4:00 ގައި ފުލުސް އޮފީހަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލު ވެސް ކޮށްފަ އެވެ. ވޯޓު ލުމަށް ބޭނުންކުރި ކަރުދާސްތައް ނައްތައިލުމާ ގުޅިގެން އެކަން ސާފުކުރުމަށް ޝަރީފް ފުލުސް އޮފީހަށް ހާޒިރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރާ ކަމަކަށް އެ އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޯޓު ކަރުދާސް ނައްތައިލީ އެ ކަރުދާސް ބެލެހެއްޓުމަށް ގާނޫނުން ލާޒިމްކުރާ މުއްދަތު ހަމަވެ ހަތް ދުވަސްވީ ފަހުން ކަމަށެވެ. އަދި އެ ކަރުދާހާ ބެހޭ މައްސަލައެއް އެއްވެސް ތަނަކަށް ހުށަހަޅާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ވޯޓް ކަރުދާހާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމެއް. ފުލުހުން އެކަމާ ގުޅުން ހުރި ކަމެއް ތަހުގީގު ކުރަމުން ދާކަމަށް އީސީއަށް އެނގިފައެއް. އަންގާފައެއް ވެސް ނުވޭ،" ޝަރީފް ކުރެއްވި ޓްވީޓްގައި ވެ އެވެ.

ޝަރީފްގެ ޓުވީޓު

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވައިލި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، ފުލުސް އޮފީހަށް ހުށަހަޅާފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން ކުއްލި ގޮތަކަށް ވޯޓު ކަރުދާސްތައް ނައްތައިލުމަކީ ކުރާ ތުހުމަތަށް އިތުރު ބާރެއް ލިބޭ ކަމެއް ކަމަށެވެ.

އެކަމަކު، އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ޕީޕީއެމުން ބުނާއިރު އެކަން ތަހުގީގު ކުރާ ކަމެއް އަދި ވޯޓު ކަރުދާސް ނައްތައި ނުލުމަށް އަންގައި އިލެކްޝަންސް ކޮމިޝަނަށް އަމުރެއް ވެސް އައިސްފައެއް ނެތެވެ.

ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން މި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވެވަވަޑައިގަތުމާ އެކު، ވޯޓު ކަރުދާހުގައި މަކަރެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކޯޓުގައި ވިދާޅުވެފައިވަނީ ވޯޓު ކަރުދާޙުގައި ޖަހާ ފާހަގަ ފުހެވުމާއި ފާހަގަ "ވެއްޓުން" ފަދަ ކަންކަން ހިނގި ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެ ފަދަ ކަމެއް ސާބިތުނުވާ ކަމަށެވެ. އެހެންވެ، އިންތިޚާބު ބާތިލް ކުރާނެ ފަދަ ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.