ހުކުމް ރިވިއު ކުރުމަށް ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ރިވިއު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނަޝީދުގެ ފަރާތުން މިއަދު އެ ކޯޓަށް ޖަވާބު ހުށަހަޅައިފި އެވެ.


ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ. އެ ނިންމުން ރިވިއު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައިވަނީ އެ މައްސަލާގައި ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ ޖަވާބު ލިޔުމުން މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ހިސާންގެ ޓްވީޓް

ނަޝީދުގެ ފަރާތުން އެ މައްސަލާގައި ޖަވާބު ހުށަހެޅިއިރު، އެ މައްސަލަ ބަލައި ނިމެންދެން ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް އަދި ކޯޓުން ނުފަށަ އެވެ.

އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. ތޮލްހަތުގެ ޖަލު ހުކުމް ފަސްކުރަން އަމުރުކުރީ އެ މައްސަލަ ރިވިއު ކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައި ނިމެންދެންނެވެ.