ރިޕޯޓް

ސިހުން ގެނުވި ހަމަލާ އާއި ސަމާލުކަން ހުއްޓުނު ހުކުމް!

ސައިކަލެއް ގޮއްވާލައިގެން މެއި, 6, 2021 ގައި ހަމަލާ އަމާޒުކުރީ ރާއްޖޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލިސް ރައީސް އަދި ކުރީގެ ރައީސް ނަޝީދަށް.

ނަޝީދަށް ހަމަލާ ދޭން ގޮއްވާލި ސައިކަލް -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑުގެ ދަތިކަމާ އެކު ސިޔާސީ ގޮތުން ހަލަބޮލި އަހަރެއް ނޫނެވެ; ދުވަސްތައް ހޭދަވީ ބަލިމަޑުކަމުގައި އާއްމު ދިރިއުޅުމަށް ގެނުވި ހިތްދަތިކަމާއި ބަލިން ދިފާއުވުމުގެ ގުރުބާނީތަކުގަ އެވެ. އެކަމަކު މިދިޔަ އަހަރު ނިންމާލަން ޖެހުނީ މުޅި ގައުމު ސިއްސުވާލައި ސަމާލުކަން ލިބުނު ދެ ހާދިސާއަކުންނެވެ. ބޮމެއް ގޮއްވާލައި ރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރިކޮށް ދިން މަރުގެ ހަމަލާ އާއި ސުޕްރީމް ކޯޓުގެ ބޮޑު ހުކުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާރަލައި އަވަހާރަކޮށްލަން ގޮއްވާލި ބޮމުން ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާއަށް ފަހު އެންމެންގެ ސަމާލުކަން ދެން ހުއްޓުނީ ވެރިކަން ނިމުމާ އެކު ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގަތް އިދިކޮޅު ލީޑަރު, ކުރީގެ ރައީސް އަބްދުالله ޔާމީން މިނިވަންވެ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލަށެވެ.

ޓެރަރިސްޓް ހަމަލާ: ނުރައްކަލާއި ބާގަނޑުތައް!

ހައްދުފަހަނާއެޅި ފިކުރުގައި ރާއްޖެ ވެއްޓިފައި އޮތް ހާލަތު ސަލާމާތީ ހިދުމަތްތަކަށް އެނގެ އެވެ. އިސްލާމް ދީނުގެ ނަމުގައި ގަބޫލުކުރާ ހަރުކަށި ފިކުރުގައި ފަސްޖެހުމެއް ނެތި މީހުން މަރަން ކެރޭ މީހުން ތިބިކަން އާއްމުންނާ ހަމައަށް ވެސް އޮތީ ތިލަކޮށްދީފަ އެވެ. އެކަމަކު މިކަމުގައި އެކަށީގެންވާ ފިޔަވަޅެއް އެޅުމުގެ ވިސްނުމާއި މަޝްވަރާތަކުގައި ތިއްބައި މަޖީދީ މަގުގެ މެދުގައި ގޮއްވާލީ ބާރުގަދަ އައިއީޑީއެކެވެ.

ރާއްޖޭގައި މޫލައި ވަރުގަދަވަމުން އައި ފިކުރުގެ ބާރާއި ރެކްރޫޓްކުރާ މީހުންގެ ކެރުންތެރިކަމާއި އާއްމުންނަށް އޮތް ނުރައްކާ މި ހަމަލާ އިން އޮތީ ފެންނާށެވެ.

ނަޝީދު: އެމަނިކުފާނަށް ހަމަލާދިނީ އެކަމަށް ހާއްސަ ސެލްއެއް ހަދައި މީހުން ތައްޔާރުކޮށްގެން. -- ފޮޓޯ/މިހާރު

ސައިކަލެއް ގޮއްވާލައިގެން މެއި, 6, 2021 ގައި ހަމަލާ އަމާޒުކުރީ ރާއްޖޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލިސް ރައީސް އަދި ކުރީގެ ރައީސް ނަޝީދަށެވެ. ދީނީ ބައެއް ކަންކަމުގައި އެމަނިކުފާނު ދައްކަވާ ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކުގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބީ "ލޭ ހުއްދަވެއްޖެ" ކަމަށް ކަނޑައަޅައިގެންނެވެ. އެކި ފަހަރު މަތިން ހަމަލާއަކަށް ތައްޔާރުވި އެވެ. އެކަމަކު ނާކާމިޔާބުވުމުން ދެން ނިންމީ ޖާނުންފިދާވެގެން ވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށެވެ.

އެ ރޭވުމުގައި ހަމަލާގެ އެއްދުވަސްކުރިން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކެނެރީގެ ކައިރީގައި އައިއީޑީ ހަރުކުރި ސައިކަލް ބެހެއްޓި އެވެ. އެކަމަށް ތައްޔާރުކުރި މީހުންގެ ތެރެއިން އެކަކު ފާރައަށް ބަހައްޓައި އެމަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހިސާބަށް އަރާވަޑައިގަތުމާ އެކު ބޮން ގޮއްވާލީ އެވެ. އަރިހުގައި ސެކިއުރިޓީން ވެސް ތިއްބަވަނިކޮށެވެ.

އައިއީޑީގެ ބާރުގަދަކުރަން އަޅާފައި ހުރި ރޭޒާ ފުއްތައް ހަށިކޮޅުގެ ތެރެއަށް ވަދެ ނަޝީދުގެ ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.

މުޅި ގައުމު ސިއްސުވާލި މި ހާދިސާއަކީ ފުރަތަމަ ތުހުމަތު ކުރި ގޮތުގައި ސިޔާސީ ބަދަލު ހިފުމެކެވެ. އެކަމަކު ތަހުގީގުތަކުން އެއީ ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރުކަން ތިލަވުމާ އެކު ފުލުހުންނާއި ސިފައިންނަށް އިނގިލި ދިއްކުރި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިންކުއަރީއެއް 241 ކޮމިޓީ މެދުވެރިކޮށް ކުރިއަށް ގެންދިޔަ އެވެ. ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ އެ އިންކުއަރީ ނިމުނުއިރު ފެންނަން އޮތީ އިންޓެލިޖެންސް ފޭލްވުމާއި މުއައްސަސާތަކުގެ ތެރޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ބޮޑެތި ބާގަނޑުތަކެއް ހުރި ކަމެވެ.

މިކަންކަން ހައްލު ކުރަން ކޮމިޓީން 45 ރެކޮމެންޑޭޝަނެއް ދިނެވެ. އޭގެތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރެކޮމެންޑޭޝަނެކެވެ. މިކަންކަން އިސްލާހުކުރަން މަސައްކަތް ކުރަން ފަށައި ބައެއް ފިޔަވަޅުތައް އަޅާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ގެއިން ނުކުމެވަޑައިގެން ކާރަށް އަރައިވަޑައިގަތުމަށް ނަޝީދު ވަޑައިގަންނަވަނީ. ހަމަލާ އަމާޒުވީ ކާރާ ހަމަވިތަނާ.-

ރާއްޖޭގައި މީހުން މަރަން ދޭ މިފަދަ ހަމަލާތަކުގެ ތަހުގީގުން އެންމެ ފުނަށް ވާސިލްނުވިޔަސް މި ހަމަލާގެ ތަހުގީގުގައި ފުލުހުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ ހަމަލާއަށް ހަރުކަށި ފިކުރުގެ ސެލްއެއް އޮޕަރޭޓް ކުރި ގޮތެވެ. ރާވައި ހިންގި ގޮތާއި އަމަލީ ގޮތުން ބައިވެރިވި 10މީހުންނާއި އަޑީގައި ތިބި މީހުން ވެސް ހޯދައި ހައްޔަރުކުރި އެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާ އިރު އެކަން ހިންގި ކަމަށް ވަނީ އިއުތިރާފްވެފަ އެވެ.

މިއީ, މި ގައުމުގެ ތާރީހުގައި ވެސް މިހާތަނަށް އާއްމުންގެ ތެރޭގައި ބޮމެއް ގޮއްވާލައި މިހާ އަނިޔާވެރި ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅައި ގައުމީ ސަލާމަތަށް އޮތް ނުރައްކާ ކުޑަވެއްޖެ ކަމުގެ ޔަގީންކަން ވެސް އޮތީ ދީފަ އެވެ.

ޔާމީން މިނިވަންވެ، ސިޔާސީ ބަދަލެއް

ޖަލު ހުކުމެއްގައި ހުންނެވި އިދިކޮޅު ލީޑަރު ޔާމީންގެ ދިފާއުގައި އަޑު އުފުލުން ނޫން އަމާޒެއް އަހަރު ފެށިގެން ނިމުމާ ހަމައަށް ޕީޕީއެމާއި ޕީއެންސީގެ އެޖެންޑާއަކު ނެތެވެ. ލީރަކު ނެތި ޕާޓީ އާއި އިދިކޮޅު ހަރަކާތްތައް ހިންގުން ވީ ބޮޑު ގޮންޖެހުމަކަށެވެ. ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެވުނެވެ. ސިޔާސީ ހުރިހާ މަސައްކަތެއްގައި ރައްޔިތުންނަށް ވިސްނައިދެމުން އައީ ޔާމީނަށް އިއްވައި ހައި ކޯޓުން ހުކުމް ދެމެހެއްޓީ ބޭއިންސާފުން ކަމެވެ.

އިދިކޮޅަށް މި އަހަރު އޮތް ހަމައެކަނި އުއްމީދަކަށް ވީ ސުޕްރީމް ކޯޓުގެ ހުކުމެވެ. ޔާމީންގެ ޝަރީއަތް އެންމެ މަތީ މަރުހަލާގެ ކޯޓުގައި ފެށުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

ސަބަބުތަކެއް ހުއްޓެވެ. މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި ނަމަ އެމަނިކުފާނުގެ ސިޔާސީ ކުރިމަގު މުޅިން ބަންދުވީ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެ އެވެ. މިހެން ވެއްޖެ ނަމަ ދެން ފެށޭނީ ޕާޓީ ތެރޭގައި ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ތަޅާފޮޅުންތައް ކަމުގެ އަޑުތައް ވެސް ގަދަވި އެވެ.

ހުކުމުން މިނިވަންވުމާ އެކު ޔާމީން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ/ މިހާރު

މި ހުކުމަށް ސަމާލުކަން ލިބުނު އަނެއް ކަމަކީ ސިޔާސީ ނުފޫޒު ނެތި ސިޔާސީ ބޭފުޅެއްގެ ޝަރީއަތް, ނިޒާމުގެ ތެރެއިން ނުހިނގާނެ ކަމަށް އޮތް ގަބޫލުކުރުމެވެ.

ހުކުމް އައީ ޔާމީނާ އެއްކޮޅަށެވެ. ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންވީ އެވެ.

ޕީޕީއެމުން ބުނާ ގޮތުގައި އެ ހުކުމުން އެނގުނީ ޔާމީންގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެއް ކަމެވެ. އެމަނިކުފާނު ދެ އަހަރު ޖަލުގައި ބެހެއްޓީ ނާއިންސާފުން ކަމެވެ. އެކަމަކު ދިފާއުވަމުން ސަރުކާރުން ދައްކަނީ ޝަރުއީ ނިޒާމުގެ މިނިވަންކަމެވެ. ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވިގޮތަށް މި ވެރިކަމުގައި އަމަލުނުކުރާނެ ކަން އެ ހުކުމުން ސާބިތުވެފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ޔާމީން މިނިވަންވުމާ އެކު އެމަނިކުފާނު އިސްވެ އިދިކޮޅު ހަރަކާތްތައް ވަރުގަދަކުރި އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާތަކާއި އެއްވުންތައް ވެސް އަންނަނީ ބާއްވަމުންނެވެ. އިންޑިއާގެ ނުފޫޒަށް ސަރުކާރުން ޖާގަ ދީ އަޅުވެތިވަމުންދާ ކަމުގެ ތުހުމަތާ އެކު އެމަނިކުފާނު ގޮވާއްލަވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށެވެ.

މިކަން ކާމިޔާބު ނުވަނީސް އިދިކޮޅު ހަރަކާތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެ ރަށްރަށުގައި ވެސް މި ހަރަކާތް ފުޅާކޮށްފި އެވެ. އިންޑިއާގެ ނުފޫޒުން ސަލާމާތްވާން ޖެހޭ ކަމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުން ކުރިއަށް ނެރުމާ އެކު ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ހުރިހާ ޕާޓީތަކަކުން މި ހަރަކާތާ ދެކޮޅަށް ވަނީ ބަޔާން ވެސް ނެރެފަ އެވެ.

އިންޑިއާގެ ސިފައިން ރާއްޖެ އިން ބާލަން ގޮވާލއްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްވުމެއްގައި. އެ ކެމްޕޭން ހުއްޓާލައްވާނީ ސިފައިން ބާލާފައި ކަމަށް ވިދާޅުވި. -- ފޮޓޯ/ ޕީޕީއެމް

މިއީ މި ވެރިކަމުގައި އިދިކޮޅުގެ ހަރަކާތަކާ ދެކޮޅަށް އެންމެން ގުޅިގެން ބަޔާން ނެރެ ސަރުކާރު ދިފާއުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނިންމާލީ މި އަހަރަކީ ސިޔާސީ ގޮތުން ހަލަބޮލި އަހަރަކަށް ވާނެ ކަމުގެ ހުރިހާ އަޑުތަކަކާ އެކުގަ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚާލިދު99

01 January 2022

މި ސަރުކާރުން ކުރި އެންމެ ރަނގަޅު ކަމަކީ ސުޕްރީމް ކޯޓު ބަދަލުކުރުން.

The name is already taken The name is available. Register?

ވިއްސާަރަކޯޓު

01 January 2022

އެހެން ކޯޓުތައްވެސް ބަދަލުކުރަންވެއްޖެ އަމާންކަމަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454