ދެ މިލިއަން ދައްކަން ހުކުމްކުރީ ގާނޫނާ ޚިލާފަށް، އިސްތިއުނާފް ކުރާނަން: ނަޝީދު

ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ކުރި މިއަދު ހުކުމުގައި ދައްކަން އެންގި ފައިސާއަކީ ދައްކަންޖެހޭ އެއްޗެއް ނޫންކަމަށް ގަބޫލު ނުކުރާ ކަމަށާއި އެ ހުކުމް އިސްތިއުނާފް ކުރައްވާނެ ކަމަށް ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގް އަށް 150،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކުރީ އަލަކާ އިންވެސްޓްކުރި ކަނޑު އުޅަނދެއް ވިއްކާލުމުގެ މުއާމަލާތަކާ ގުޅިގެންނެވެ. ނަޝީދާ ދެކޮޅަށް ދައުވާކުރީ އުޅަނދު އަލަކާ ވިއްކަން ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި އެހެން މީހަކަށް ވިއްކާލުމަށް ފަހު، އަސްލު އަގުގެ ބާކީ އޮތް 150،000 ޑޮލަރު ނަޝީދުގެ ފަރާތުން އަލަކާއަށް ދޭން އެއްބަސްވި ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައިވަނީ އެ ދައުވާއަކީ އޭނާގެ އެއްވެސް މީހެއްގެ އަތުން ގަތް މުދަލަކަށް ނުވަތަ ހޯދި ޚިދުމަތަކަށް އަގު ނުދީގެން ނުވަތަ ދަރަންޏެއް ނުވަތަ ފައިސާއެއް ނުދައްކައިގެން ކުރި ދައުވާއެއް ނޫން ކަމަށެވެ. އެ ދައުވާ އުފުލާފައި އޮތީ އަލަކާ ބޭނުންވި މިންވަރަށް ފައިސާ ނުލިބޭތީ، އޭނާއަށް އެހީތެރިވުމުގެ ގޮތުން ނަޝީދު ފޮނުވި އީމެއިލްއެއްގެ މައްޗަށް އެކަނި ބިނާކޮށްގެން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ އީމެއިލްއަކީ ގާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނުވަތަ ޒިންމާއެއް ވެސް އުފައްދާ ފަދަ އެއްޗެއް ނޫން ކަމަށް އަލަކާ އީމެއިލް އިން ޖަވާބު ދީފައި އޮތް ވެސް އެ އެ ބަޔާނުގައިވެ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސިވިލް ކޯޓުން މިއަދު ކުރެއްވި ހުކުމް ކުރައްވާފައި އެވަނީ މުގާބިލެއް ނެތި ހުށަހެޅޭ ހުށަހެޅުންތައް ތަންފީޒު ނުކުރެވޭނެ ކަމަށް ބުނާ ޝަރުއީ ހުކުމްތަކާއި އެ ނޫން ވެސް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ އެވެ. އަދި އެ މައްސަލާގެ ކަން ހިނގާފައިވާ ގޮތް ބަލަން ބޭނުންވާ ނޫސްވެރިންނަށް ވެސް އެކަމާ ބެހޭ ލިޔުންތައް ބެލުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.