ނަޝީދު ވިދާޅުވަނީ ދެއްކެވީ ދިއްދޫގެ ފްލެޓްތަކުގެ ވާހަކަ ކަމަށް

ފްލެޓް ހައްގުވާ މީހުންނަށް ނުދީ ނާއިންސާފުން ފްލެޓު ދީފައިވީ ނަމަވެސް އެ ތަންތަނުގައި ދިރިއުޅޭ މީހުން ނެރުމަކީ ބޭނުންފުޅުވާ ގޮތް ނޫން ކަމަށް ވިދާޅުވެ، މިއަދު ދެއްކެވީ ދިއްދޫގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ ފްލެޓްތަކާ ގުޅޭ ވާހަކަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ދިއްދު އަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅުގައި، އެ ރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ޕީޕީއެމްގެ ސަޕޯޓަރުންނަށް ނާއިންސާފުން ދިއްދޫން ފްލެޓް ދީފައިވާ ކަމުގެ ޝަކުވާ ނަޝީދަށް މިއަދު ހުށަހަޅާފައިވެ އެވެ. އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރާ ގޮތުގައި ދިއްދޫން ފްލެޓް ދޫކުރުމުގައި މި ސަރުކާރުން ވަނީ ސިޔާސީ ފިކުރަށް ބަލައި މާކްސް ދީފަ އެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ނުހައްގުން ފްލެޓު ލިބިފައިވާ ބަޔަކު ތިބި ނަމަވެސް އެމީހުން އެތަންތަނުން ނެރެން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި އޮތް ހައްލަކީ އިތުރު ފްލެޓް އެޅުން ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް، އިންސާފު ވިޔަސް، ބޭއިންސާފު ވިޔަސް ފްލެޓުގައި އެ އުޅެނީ ހަމަ ދިވެހިން. އެމީހުން އެތަނުން ނެރެފައި އެތަން އެހެން މީހަކަށް ދިނުމުގެ ވިސްނުމެއް ހަމަ ގައިމު އަޅުގަނޑުގެ ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމާ އެކު، އެ ބައްދަލުވުމުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން އަތްހައި އެމަނިކުފާނަށް ހިތްވަރު ދިން ނަމަވެސް އެ ޚަބަރު މީޑިއާގައި ޝާއިއު ކުރުމާ އެކު، އެކި ފަރާތްތަކުގެ ނުރުހުން ސޯޝަލް މީޑިއާގައި ވަނީ ނަޝީދަށް އަމާޒުކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިސް އެކްޓިވިސްޓުން ވެސް ހިމެނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ދޫކުރުމުގައި އިންސާފުން ބޭރުން ކަންކަން ކޮށްފައިވާ ކަމުގެ ޝަކުވާ ވަރަށް ބޮޑުވެފައިވާއިރު، ދިއްދޫގައި ނަޝީދު ދެއްކެވި ވާހަކަފުޅު އެ ފްލެޓްތައް ލިބުނު މީހުންނަށް އަމާޒުވާ ކަމަށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް ގަބޫލު ކުރެ އެވެ.

އެ މީހުންގެ ފާޑުކިޔުންތަކާ ގުޅިގެން، ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލެޓާ ގުޅޭ ގޮތުން އެމަނިކުފާނު ޚާއްސަ ގޮތެއްގައި ދެންނެވީ ދިއްދޫގައި އިމާރާތްކޮށް، އަދި މީހުންނަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ވާހަކަ ކަމަށެވެ.

"'[އެއީ] ހުޅުމާލޭގައި ބޭއިންސާފުން ދިނުމަށް ލިސްޓު ހަދާފައިވާ ފްލެޓްތަކެއް ނޫން،" ނަޝީދުގެ ޓުވީޓުގައި ވެ އެވެ.

ނަޝީދުގެ ޓުވީޓު