ރާއްޖެ-އިންޑިއާގެ ގުޅުން ބަދަހިކުރުމަކީ މައްސަލައެއް ނޫން: ޗައިނާ

ރާއްޖެއިން އިންޑިއާއާ ގުޅުން ބަދަހިކުރުމަކީ ޗައިނާއާ ދެކޮޅުވެރިވުން ނޫން ކަމަށާއި އެ ގުޅުމަކީ މައްސަލައެއް ނޫން ކަމަށް ޗައިނާ އިން ބުނެފި އެވެ.


ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ސިޔާސަތުތަކާއި ޝުއޫރުތައް ފާޅުކުރާ "ދަ ގްލޯބަލް ޓައިމްސް" ނޫހުގައި އިއްޔެ ޝާއިއުކުރި އެޑިޓޯރިއަލެއްގައި ބުނީ އިންޑިއާ އަށް އިސްކަންދޭ ސިޔާސަތެއް ރާއްޖޭން ގެންގުޅުމަކީ ޗައިނާއާ ދެކޮޅުވެރިވުން ނޫން ކަމަށެވެ.

ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްތައް ބައިނަލްއަގުވާމީ މީޑިއާ އިން ނަގަނީ ޗައިނާ ސަރުކާރުގެ ބުނުންތަކުގެ ގޮތުގަ އެވެ. އެކަމަށް ޗައިނާ ސަރުކާރުން އިންކާރެއް ވެސް ނުކުރެ އެވެ.

"...ސޯލިހު(ރައީސް އިބުރާހިމް މުހައްމަދު ސޯލިހު) އެއީ އިންޑިއާއާ އެއްކޮޅު ބޭފުޅެއް ކަމަށް އިންޑިއާގެ މީޑިއާ އާއި ހުޅަނގުގެ މީޑިއާއިން ދެކެއެވެ. ނަމަވެސް އިންޑިއާއާ އެއްކޮޅަށް ހުންނެވުމުގެ މާނައަކީ ކޮންމެހެން ޗައިނާއާ ދެކޮޅުވެރިވުމެއް ނޫނެވެ،" ގްލޯބަލް ޓައިމްސްގައި ލިޔެފައިވެ އެވެ.

އިންޑިއާގެ އަވަށްޓެރި ގައުމުތަކާ ޗައިނާއިން ގުޅުން ބަދަހިކުރުމަކީ ސްޓްރެޓީޖިކް ގޮތުން އިންޑިއާއަށް ގޮންޖެހުމެއް ކަމަށް އިންޑިއާއިން ދެކެ އެވެ. ނަމަވެސް ގްލޯބަލް ޓައިމްސްގެ މިފަހަރުގެ ލިއުމުގައި ބުނެފައި ވަނީ އެކަން ބަދަލުވެ، އެ މައްސަލައިގައި ދެ ގައުމުން އިތުބާރު އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ލިއުމުގައި ބުނެފައިވަނީ އިންޑިއާއަށް، އެ ގައުމާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ހާރިޖީ ސިޔާސަތު މޮނޮޕޮލައިޒް ކުރުމުގެ ގާބިލުކަން އިންޑިއާ އަށް މިހާރު ނެތް ކަމަށެވެ. އެހެންވެ، އަވަށްޓެރި ގައުމުތަކާ އިންޑިއާއާ ދެމެދު އެފަދަ ގުޅުމެއް އޮތުމަކީ ޗައިނާއަށް މައްސަލައަަކަށް ނުވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނެފައި ވަނީ ރާއްޖެ ފަދަ ކުދި ގައުމުތަކުން ހަމަޖެހުން ބޮޑު ހާރިޖީ ސިޔާސަތެއް ގެންގުޅުމަށް ޗައިނާ އާއި އިންޑިއާ އިން ވެސް އެހީތެރިވާން ޖެހޭ ކަމަށެވެ.

"...ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުން އެގައުމުތަކުގެ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ހާރިޖީ ސިޔާސަތު ބަދަލުކުރާ ނަމަ ޗައިނާއަށާއި އިންޑިއާއަށް ވެސް އެކަން ވާނީ އުނދަގުލަކަށެވެ." ލިއުމުގައި ބުންޏެވެ.

އޭގައި ބުނެފައިވަނީ ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު ފޮރިން އިންވެސްޓަރު އަދި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށް ވާތީ ޗައިނާގެ މުހިއްމުކަން އާ ސަރުކާރަށް ވިސްނޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"...ބެލެވޭ ގޮތުގައި ޗައިނާގެ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީ އަދި ގައުމާ މެދުގައި ގެންގުޅޭ ހެޔޮ ނިޔަތް އާ ސަރުކާރަށް ވިސްނޭނެ އެވެ،"

ޗައިނާއިގެ މިވާހަކަތައް މިއައީ ރައީސް މަގާމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ތަގުރީރުގައި އިންޑިއާގެ ނަން ފާހަގަކުރެއްވުމުން އެއީ ރާއްޖެ ޗައިނާއާ ދެކޮޅަށް ދީލައިލުން ކަމަށް އިންޑިއާގެ މީޑިއާއިން ސިފަކުރަމުން ދާތީ ކަމަށް ބެލެވެ އެވެ. އިންޑިއާ އާއި ހުޅަނގުގެ ނޫސްތަކުން ލަފާކޮށްފައި ވަނީ ކުރީގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ އެއްބަސްވުންތައް އުވާލާނެ ކަމަށެވެ.

ޗައިނާއާ އެކު ރާއްޖޭން ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އުވާލުމަށް ތާއީދުކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދައްކަވާފައިވެ އެވެ. ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ވަރަށް ބޮޑަށް އެއްފަރާތަކަށް ޖެހިފައި ކަމަށެވެ.