ސީމެގުގެ ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖޭން އިންޑިއާއާ ވާހަކަ ދައްކައިފި

ކުރިއަށް އޮތް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖެއިން އިންޑިއާ ސަރުކާރާ އެކު މިއަދު މަޝްވަރާކޮށްފި އެވެ.


އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ވިކާސް ސްވަރަޕް އިންޑިއާގެ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އެ މަޝްވަރާތައް އޮތީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖާއި ރާއްޖޭގެ ފޮރިން މިިނިސްޓަރު މުހައްމަދު އާސިމް މިއަދު ދިއްލީގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. އެ ގޮތުން، މިދިޔަ މަހު ރާއްޖެ ވަޑައިގެންނެވި އދ. އާއި ކޮމަންވެލްތުގެ މަންދޫބާއެކު ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކާއި ކުރިއަށް އޮތް ސީމެގްގެ ބައްދަލުވުމުގެ މައުލޫމާތު އާސިމް ދެއްވި ކަމަށް ވިކާސް ވިދާޅުވި އެވެ.

"ރާއްޖޭގައި ހިނގަމުންދާ ކަންކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ރާއްޖޭގެ ފޮރިން މިނިސްޓަރު ހިއްސާ ކުރެއްވި،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ ހިމެނޭ ގޮތުން ޖުމްލަ ނުވަ ގައުމެއްގެ ފޮރިން މިނިސްޓަރުން ތިއްބަވާ ސީމެގުގެ ބައްދަލުވުމެއް އަންނަ މަހު އޮންނާނެ އެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި ސީމެގުގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ މި ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ. އެ ކަންތައްތަކުގެ ތެރޭގައި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން ދޫކޮށްލުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމުގެ އިތުރަށް ގެއްލިފައިވާ ބައެއް ހައްގުތައް އަނބުރާ ހޯދައިދިނުން ހިމެނެ އެވެ.

އެންމެ ފަހުން ބޭއްވި ސީމެގުގެ ބައްދަލުވުމުގެ ކުރިން ވެސް ސަރުކާރުން ބޭރު ދުނިޔޭގައި ލޮބީ ކުރި އެވެ. އެ ގޮތުން، ސީދާ ރައީސް އަބްދުﷲ ޔާމީން އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވިއިރު، ރައީސްގެ މަންދޫބުންގެ ގޮތުގައި މިނިސްޓަރުން ސީމެގުގައި ހިމެނޭ ބައެއް ގައުމުތަކަށް ވަޑައިގަތެވެ.

މީގެ އިތުރުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު މި ފަހުން ކުރި މުހިއްމު މަޝްވަރާތަކާ ގުޅޭ ގޮތުން ވެސް އާސިމް އާއި ސުޝްމާ މިއަދު ވާހަކަ ދެއްކެވިކަން ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ، ވިކާސް ވިދާޅުވި ގޮތުގައި، އިންޑިއާގެ ޑިފެންސް ސެކްރެޓަރީ މޯހަން ކުމާރާއި ޓެރަރިޒަމާ ގުޅޭ ކަންކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކަނޑައަޅުއްވާފައިވާ މަންދޫބު އާސިފް އިބްރާހިމް މިދިޔަ މަހު ރާއްޖެ އަށް ކުރެއްވި ދަތުރެވެ.

"... ދެ ގައުމުގެ ދެމެދު އޮތް ގުޅުމުގައި ހިމެނޭ އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތަކާއި ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި،" އޭނާ ވިދާޅުވި އެވެ.

މި އަހަރު ފަހުކޮޅު އިންޑިއާގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމަށް އިންޑިއާ އިން ވަމުންދާ ތައްޔާރީތަކަށް އާސިމް ޝުކުރު ވެސް އަދާކުރެއްވި އެވެ.

މިއީ މިދިޔަ މަހުގެ 13 ގައި މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އާސިމް ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އިއްޔެ ފެއްޓެވި ދެ ދުވަހުގެ މި ދަތުރުގައި ސުޝްމާއާ އެކު ރަސްމީ މަޝްވަރާތައް ބޭއްވެވުމުގެ އިތުރަށް، އާސިމް ވަނީ އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ ވެސް މިއަދު ހަވީރު ބައްދަލުކުރައްވާފަ އެވެ.

މިނިސްޓަރު އާސިމް އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ މިއަދު އިންޑިއާގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ

އިންޑިއާ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ އެހީތަކެއް ވެ އެވެ. އެ ގޮތުން، ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން ފޮނުވައި އެ ދާއިރާތަކުން ދިވެހިން ތަމްރީނުކޮށް ދެމުން ދެ އެވެ. އަދި އަސްކަރީ ގޮތުން ވެސް ގިނަ އެހީތަކެއް އަންނަނީ ވަމުންނެވެ.

އެކަމަކު، ޗައިނާއާ އެކު ރާއްޖޭން މި ފަހުން ގުޅުން ބަދަހިކުރަން ފެށުމުން އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް ކޮންމެވެސް ވަރަަކަށް ވަނީ އަސަރުކޮށްފަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، އެ މައްސަލަތައް ހައްލު ނުވެ ގިނަ ދުވަސްތަކެއް ވުމުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ އަށް ކުރައްވަން އޮތް ދަތުރުފުޅު ވެސް ކެންސަލް ކުރެއްވި އެވެ.