ސަރުކާރު ޒިންމާދާރު ކުރަން ޖެހޭނީ ރައްޔިތުން: ޔާމީން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނީ ރައްޔިތުންނާއި ނޫސްވެރިން ކަމަށާއި އިދިކޮޅު ޕީޕީއެމުން ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.


ވެރިކަމުން ވަކިވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްކޮންފަރެންސްގައި، ސަރުކާރު ޖަވާބުދާރީކުރެއްވުމަށް އިދިކޮޅު ޕާޓީއެއްގެ ގޮތުން ކުރައްވާނީ ކޮން ކަމެއްތޯ "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ހަމައެކަނި ޕީޕީއެމުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެެވެ. އަދި "މި ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭތޯ" ވިދާޅުވެ އެމަނިކުފާނު ސުވާލެއް ވެސް ކުރެއްވި އެވެ.

"ރައްޔިތުން އިންތިހާބު ކުރި ސަރުކާރެއް ނޫންތޯ މިއީ. ރައްޔިތުން ނޫންތޯ ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭނީ؟ ޕީޕީއެމްއަށް ކީއްވެތޯ ހުރިހާ ކަމެއް ކުރަން ޖެހެނީ؟ އަޅުގަނޑަކަށް ނުވިސްނޭ،" ހިތްހަމަޖެހިވަޑައިނުގެން އިންނަވައި ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ހިތްހަމަޖެހިވަޑައިނުގަތުން ނޫސްވެރިންނަށް ވެސް އަމާޒުކުރެއްވި އެވެ. އެގޮތުން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ނޫސްވެރިންނަށް ވެސް ކުރެވޭނެ ކަމެއް ކަމަށާއި ނޫސްވެރިން ވެސް އެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. މަލާމާތުގެ ރާގެއްގައި ދެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ނުލިބިގެން އުޅުނީ ނޫސްވެރިން ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ހާމަވި ކޮރަޕްޝަނާއި ގާނޫނުއަސާސީއާ ހިލާފަށް ކުރި އެތައް ކަމެއް އާންމު ރައްޔިތުންނާ ހަމައަށް ގެންނަން ދިވެހި ނޫސްވެރިން ވަރަށް ބޮޑު ރޯލެއް ކުޅުނެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް ސަރުކާރުން މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން މަސައްކަތް ކުރަން ޕީޕީއެމަށް ވެސް އޮތީ ރައްޔިތުންނާ އެއްވަރުގެ ހައްގެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީީޖީ ލީޑަރު ނިހާނު ވެސް ކުރައްވާނީ ޓްވީޓެއް، ކަމަކާ ހިތްހަމަނުޖެހެންޏާ. ހަމަ އެހެން ކޮންމެ ބޭފުޅަކު ވެސް ޓްވީޓެއް ކުރައްވާނީ،" ޔާމީން ވިދާޅުވި އެވެ.

އިންތިހާބުން ބަލިވެވަޑައިގަތުމުގެ އުދާސްތައް އަދިވެސް ހުރިކަން ދޭހަވާ ގޮތަށް ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ވިދާޅުވީ ކަންކަމަށް ނުވިސްނާ ކަންތައްތައް ކޮށްފައި އެއިން ކަމެއް ގޯސްކޮށް ދިޔައިމަ އެކަން ރަނގަޅުކުރުމަކީ ވަކި ބަޔަކު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކަމެއް ގޯސްކޮށް ދަންޏާ އެކަން ރަނގަޅު ކުރުމުގައި، ކުރިން ގޯސް ހެދި މީހުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިން ރައްޔިތުންނަށް އަމާޒުކުރެއްވި ބަސްފުޅެއް ކަމަށް ބެލެވެ އެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ގިނަ ދުވަސްތަކެއް ކެމެރާތަކާ ދުރުގައި އުޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެމަނިކުފާނު ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭގެ ފަހުން ނޫސްވެރިއަކު ކުރި އެހެން ސުވާލަކަށް ޖަވާބު ދެއްވަމުން ވެސް ޔާމީން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ނޫސްވެރިން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ނައްތައިލި އިރު އެ ކޮމިޝަން ޒިންމާދާރު ނުކުރެވުނީ ކީއްވެތޯ ސުވާލު އުފެއްދެވި އެވެ.

"ކިހާ ވަރުގަދަ ޖަރީމާތޯ އެ ހިންގަނީ؟ކިހާ ވަރުގަދަ ކަންތައްތޯ އެކުރަނީ؟" އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކަންތައްތައް ދިޔައީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ރޭގައި ވެސް ތަކުރާރު ކުރެއްވި އެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކަންކަމާ މެދު ތުހުމަތުތައް ކުރަމުން ދަނިކޮށް ވޯޓު ކަރުދާސްތައް ނައްތައިލުމަކީ އެކަން ތަހުގީގު ކުރުމަށް އެޅިފައި އޮތް ހުރަހެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓު ކަރުދާސްތައް ނައްތާލީ، ގާނޫނުގައި ބުނެފައިވާ މުއްދަތު ވެސް ފަހަނައަޅާ ދިޔަ ފަހުން ކަމަށެވެ. އަދި ވޯޓު ކަރުދާހާ ގުޅޭ އެއްވެސް ކަހަލަ ތަހުގީގެއް އެއްވެސް އިދާރާއަކުން ކުރާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.