ހޯރަ އިއްބެއަށް ކުރީ ސިޔާސީ ދައުވާއެއް: އަންހެނުން

ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ގެ ދިފާއުގައި، އޭނާ ޖަލަށް ދާން ޖެހުނު ސަބަބަކަށް ވި އަންހެން ކުއްޖާ އަދި މިހާރު އޭނާގެ އަންހެނުން، މިއަދު ނުކުމެއްޖެ އެވެ.


ޒުއްރިއްޔާ އަބްދުއްޝުކޫރު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހޯރަ އިއްބެއަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި ކަން ވީ ގޮތް އެ ބަޔާނުގައި އޭނާ ވަނީ ކިޔައި ވެސް ދީފަ އެވެ.

ޒުއްރިއްޔާގެ އުމުރުން 17 އަހަރުގައި އިއްބެ އޭނާއާ ބަދުއަޚުލާގީ އަމަލު ހިންގައިގެން 2012ގައި ހައްޔަރުކޮށް އޭގެ އެއް އަހަރު ފަހުން ކުށް ސާބިތުވެ ޖަލު ހުކުމް އައުމާ ގުޅިގެން އިއްބެއަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ ކުށްވެރިއެކެވެ.

އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއެއްގެ މަގާމް އަދާކުރި އެ ޕާޓީގެ އެކްޓިވިސްޓް އިއްބެގެ ހުކުމުގެ މުއްދަތު ހަމަވާނީ އޮގަސްޓް 1، 2023ގަ އެވެ. އެކަމަކު ހުކުމުގެ ތިން ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއް މައާފްކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހޯމަދުވަހު ނިންމެވުމާ ގުޅިގެން މާދަމާ އިއްބެ މިނިވަންވާނެ އެވެ.

ތިން ދުވަސް ފިޔަވާ އެހެން ދުވަސްތައް މައާފުކޮށްދެއްވީ އެފަދަ ކުށްތައް އެއްކޮށް މައާފުކޮށްދެއްވުމުގެ ބާރު ރައީސަށް ލިބިވަޑައިގެންފައި ނުވާތީ އެވެ.

އިއްބެ އެގޮތަށް ސަލާމަތްވުމުން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ ދެކޮޅަށް ޕެޓިޝަނެއް ހުށައަޅަން ވެސް ދަނީ ތައްޔާރުވަމުންނެވެ.

އިއްބެ އާއި ޒުއްރިއްޔާ ފަހުން ވަނީ ކައިވެނި ވެސް ކޮށްފަ އެވެ. އިއްބެގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެ ކައިވެންޏަށް 10 މަސް ވީ ފަހުންނެވެ. ދެމަފިރިންނަށް މިހާރު ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ.

ޒުއްރިއްޔާގެ ބަޔާނުގައި ބުނީ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އޭނާ އާއި އިއްބެ ހައްޔަރުކުރި އިރު ހިޖުރީ ގޮތުން އޭނާއަށް 18 އަހަރު ފުރިފައިވާ ކަމަށެވެ. އެކަމަކު ރާއްޖޭގައި ރަސްމީ މުއްދަތު ގުނަނީ މީލާދީ ގޮތުންނެވެ.

ޒުއްރިއްޔާ ބުނާ ގޮތުގައި އެކަން ހިނގި އިރު ހިޖުރީ ގޮތުން އޭނާއަށް 18 އަހަރު ފުރިފައި ވުމުން ހޯރަ އިއްބެއަކީ ކުޑަކުދިންނާ ބެހޭ މީހެއް ނޫނެވެ.

އިއްބެ އާއި ޒުއްރިއްޔާ އަކީ ވެސް ހޯރަފުށީ މީހުންނެވެ. ޒުއްރިއްޔާ މާލެ އައީ 18 އަހަރު ވުމުން އިއްބެއާ ކައިވެނިކުރަން ކަމަށް ވެސް އޭނާ ބުނެ އެވެ.

ދެ މީހުން ހައްޔަރުކުރީ އިއްބެ އުޅެމުން ދިޔަ ކޮޓަރިއަށް ފުލުހުން ވަދެ އެވެ.

"އިސްލާމީ ޝަރީއަތުން އަޅުގަނޑުމެންނަށް ދޭންވީ އަދަބެއް ދޭންވީ އެވެ. އެކަމަކު އިއްބެއަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެކެވެ. ކުރެވުނީ ސިޔާސީ ދައުވާއެކެވެ،" ރައީސްކަމާ ހަވާލުވެވަޑައިގެން އޭރުގެ ރައީސް އަބްދުﷲ ޔާމީން، ކޯޓުތަކަށް ނުފޫޒު ފޯރުއްވައިގެން އެންމެ ފުރަތަމަ ހުކުމެއް އައި ސިޔާސީ މީހަކީ އިއްބެ ކަމަށް ބުނެފައިވާ ބަޔާނުގައިވެ އެވެ.

ޒުއްރިއްޔާ ބުނި ގޮތުގައި އިއްބެއާ އޭނާ ލޯބީގެ ގޮތުން ގުޅުނު އިރު އިއްބެގެ ފުރަތަމަ އަންހެނުން ކެންސަރު ބަލީގައި ވަނީ މަރުވެފަ އެވެ. އެ ކައިވެންޏަށް ކުއްޖަކު ލިބިފައިވެ އެވެ.

އިއްބެ ދޫކޮށްލަން އުޅޭތީ އެކަމާ ދެކޮޅަށް އަދި ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ މީހުން ދައްކަމުން އަންނަ ވާހަކަތަކަށް ވެސް ޒުއްރިއްޔާ ވަނީ ރައްދުދީފަ އެވެ.

"އަޅުގަނޑުގެ ކުޑަ ދަރިފުޅާއި އިއްބެގެ ޔަތީމް ދަރިފުޅު [ފުރަތަމަ ކައިވެންޏަށް ލިބިފައިވާ] ވޭތުކުރަމުންދިޔަ ހިތްދަތި، އެކަނިވެރި ދުވަސްތަކުގައި އަޅުގަނޑުމެންނާ މެދު ހަމްދަރުދީވާނެ އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާނެ އެއްވެސް ފަރާތެއް ނެތެވެ. މިއަދު މީޑިއާގައި ހައްގުތައް ހިމާޔަތްކުރަން ގޮވާލާ ފަރާތްތަކުން އެ ދުވަހު އަޅުގަނޑުމެންގެ ހޯދައިދޭން ކުރި ކަމެއް ނެތެވެ، ބަޔާނުގައި އޭނާ ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްބެގެ އަދަބު ލުއިކޮށްދެއްވަން ނިންމެވީ 2016 ގައި ކްލިމެންސީ ބޯޑުން ދީފައިވާ ލަފަޔަށް ބިނާކުރައްވަ އެވެ.

ޒުއްރިއްޔާ ބުނާ ގޮތުގައި ކްލިމެންސީ ބޯޑުން އެގޮތަށް ނިންމި އިރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އެގޮތަށް އެކަން ނުކުރެއްވީ ސިޔާސީ ހަސަދައިގެ ސަބަބުންނެވެ.

އިއްބެއާ ދެކޮޅަށް ވާހަކަ ދައްކާ އަދި މަސައްކަތްކުރާ މީހުންނަށް ޒުއްރިއްޔާ ގޮވާލީ އިއްބެގެ ދެ ކުދިންނާއި އޭނާގެ ހައްގުގައި ހަމްދަރުދީ ވުމަށެވެ. ޒާތީ ހަސަދައިން އެއްކިބާވެ އިންސާނީ ކަރާމާތަށް އިހުތިރާމް ކުރުމަށް ވެސް އޭނާ އެދުނެވެ.

ލޯބި އުފެދުނީ އިއްބެގެ ވާހަކަ ދެއްކުންތެރިކަން މޮޅުކަމުން

އިއްބެ އަކީ އެމްޑީޕީ އުފެދި، ސިޔާސީ ޖަލްސާތައް ބާއްވަމުން ދިޔައިރު އެ ޖަލްސާތައް ތައާރަފުކުރުން ފަދަ ކަންކަން ކުރަމުން އައި، މޮޅު ވާހަކަދެއްކުންތެރިއެކެވެ.

ޒުއްރިއްޔާ ބުނި ގޮތުގައި އިއްބެއާ މެދު އޭނާ ޝައުގުވެރިވީ "ޕޯޑިއަމްތަކުގައި އިއްބެގެ ބަލާގާތްތެރި ދުލުން ވިރުވާ އަޅަމުން ދިޔަ މަންޒަރު ފެނި"ގެންނެވެ.

"އެންމެ ފުރަތަމަ ހޯރަ އިއްބެއާ ގުޅީ ވެސް އަޅުގަނޑެވެ. އުމުރުގެ ތަފާތަކީ ލޯބިނުވެވެންވީ ސަބަބެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ،" ޒުއްރިއްޔާގެ ބަޔާނުގައިވެ އެވެ.

"އިއްބެ ދެކެ ލޯބިވުމަކީ ކުށަކަށް ވާ ނަމަ، އެ ކުށް އަޅުގަނޑު މިހުރީ ކޮށްގެންނެވެ."