ހޯރަ އިއްބެގެ މައްސަލަ: "އެމްޑީޕީ މީހެއް ނޫންނަމަ އުޅެން އުނދަގޫވީސް"

ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ، އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އަދި އެ ޕާޓީގެ އެކްޓިވިސްޓް އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މި ސަރުކާރުން މިނިވަން ކުރުމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.


އިއްބެ މިނިވަން ކުރުމާ ގުޅޭގޮތުން ލިޔެފައިވާ ހަބަރެއް ޓްވީޓް ކުރައްވައި ނިހާން ވިދާޅުވީ އެކަން ވަރިހަމަވެފައި އެވަނީ އިއްބެ އަކީ އެމްޑީޕީ މީހަކަށް ވާތީ ކަމަށެވެ.

"އެހެން ޕާޓީއެއްގެ މީހެއް ނަމަ އެ މީހަކު ނިސްބަތްވާ އާއިލާގެ މީހަކަށް ވެސް ނޭވާ ލެވުނު ނުދޭނެ އެމްޑީޕީ އެކްޓިވިސްޓުން،" ނިހާން ވިދާޅުވެފައިވެ އެވެ.

ނިހާން ކުރެއްވި ޓްވީޓް-

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދެއްވި އިއްބެ މިއަދު ވަނީ މިނިވަންކޮށްފަ އެވެ. އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން ކަމަށްވާއިރު އެއީ ރައީސަށް ވެސް މާފު ނުދެވޭ ކުށެކެވެ. ނަމަވެސް އަދަބު ލުއިކޮށް ދެވެ އެވެ. ހުކުމުގެ ފަސް އަހަރު ތަންފީޒު ނުކޮށް އޮއްވައި ރައީސް ވަނީ އިއްބެގެ ހުކުމުން ތިން ދުވަސް ފިޔަވައި އެހެން ދުވަސްތައް މާފްކޮށް ދެއްވައިފަ އެވެ.

އިއްބެގެ އަދަބު ލުއިކޮށްދެއްވަން ނިންމެވީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން ދީފައިވާ ލަފަޔަށް ބިނާކުރައްވަ އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެކަން ސިފަކުރީ އެމްޑީޕީ މީހަކަށް ވީމަ ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުން ވެސް ކުށަކަށް ނުވީ ކަމަށެވެ. އެ ޕާޓީ އަށް ނިސްބަތްވާ ބައެއް މީހުން ވެސް ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

މި ސަރުކާރުން އިއްބެ މިނިވަން ކޮށްފައިވާއިރު އޭނާ އަކީ އެމްޑީޕީ އުފެދި، ސިޔާސީ ޖަލްސާތައް ބާއްވަމުން ދިޔައިރު އެ ޖަލްސާތައް ތައާރަފުކުރުން ފަދަ ކަންކަން ކުރަމުން އައި، މޮޅު ވާހަކަދެއްކުންތެރިއެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެސް އަރިސް ބޭފުޅެކެވެ.

އިއްބެގެ މިހާރުގެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރުގެ އުމުރުން 17 އަހަރުގައި އިއްބެ އޭނާއާ ބަދުއަޚުލާގީ އަމަލު ހިންގަނިކޮށް 2012 ގައި ހައްޔަރުކޮށް އޭގެ އެއް އަހަރު ފަހުން ކުށް ސާބިތުވެ ޖަލު ހުކުމް އައުމާ ގުޅިގެން އިއްބެއަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ ކުށްވެރިއެކެވެ. އިއްބެގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޒުއްރިއްޔާއާ ކުރި ކައިވެންޏަށް 10 މަސް ވީ ފަހުންނެވެ. ދެމަފިރިންނަށް މިހާރު ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ. އިއްބެގެ ފުރަތަމަ އަނބިމީހާ ކެންސަރު ބަލީގައި މަރުވެފައިވާއިރު އެ ކައިވެންޏަށް ވެސް ކުއްޖަކު ހުރެ އެވެ.