ދެ އަހަރު ނުފުރޭ ކުއްޖާ އަށް އަނިޔާވިތޯ ސުވާލު އުފެއްދުމުން މައްސަލަ ބަލަނީ

ގއ. ކަނޑުހުޅުދޫގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވި ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ އަށް އެއްވެސް ގެއްލުމެއް ވި ތޯ ސުވާލު އުފެއްދި އެމްޑީޕީގެ ކެންޑިޑޭޓަކަށް ފާޑުކިއުން އަމާޒުވުމުން އެ ޕާޓީން މައްސަލަ ބަލަން ނިންމައިފި އެވެ.


މަންމަ އާއި ބައްޕަގެ އިހުމާލު އޮވެ، ކާފަ އާއި މުނި ކާފަ ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ މީހުން ދިފާއުކޮށް ވާހަކަ ދެއްކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ކަނޑުހުޅުދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ނިންމާފައިވާ މަދީހާ އަބްދުﷲ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅާފައިވާ މަދީހާ އަަކީ ކުޑަ ކުއްޖާ އަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ކާފަގެ ކޮއްކޮ އެވެ.

ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގައި، ސަން އޮންލައިނާ ވާހަކަ ދައްކަމުން، "ދެ އަހަރުގެ ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕްކުރި ނަމަ އެ ކުއްޖާ ދުވެދުވެ އުޅޭނެ ހެއްޔޭ" މަދީހާ ވަނީ ސުވާލު އުފައްދަިއފަ އެވެ. ކުއްޖާ އަށް މާ ބޮޑުވަރު ވި ނަމަ ދުނިޔޭގެ އޮންނާނެތޯ އާއި އެހާ އަވަހަށް ހޮސްޕިޓަލުން ދޫކޮށްލީ ކީއްވެތޯ އޭނާ ވަނީ އެ އިންޓަވިއުގައި ސުވާލު އުފައްދައިފަ އެވެ.

ކުއްޖާއާ މެދު ހިނގި ކަންކަމާއި ޖިންސީ ގޯނާއަކީ ވެސް މާބޮޑު ކަމެއް ނޫން ކަަމަށް ދޭހަވާ ގޮތަށް މަދީހާ ވާހަކަ ދައްކާފައި ވަނީ ތުހުމަތު ކުރެވޭ މީހުން ދިފާއުކޮށެވެ. އެ މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ތިބި އޭނާގެ އާއިލާ މީހުން ނޫން ބަޔަކަށް ވެސް އެ ކަން ކޮށްފާނެ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

ޖިންސީ އަނިޔާ ބޭރުފުށުން ފެންނަން ހުރިތޯ ސުވާލު އުފެއްދި އިރު، ޖިންސީ އަމަލެއް ހިންގައިގެން އަނިޔާ ލިބުނު ކަމަށް ވަނީ އެ އަނިޔާ ފެންނަން ހުރުމުން އެކަނި ނޫން ކަމަށް ހައި ކޯޓުގައި މިހާރު ހިނގާ އެފަދަ މައްސަލައެއްގައި ދައުލަތުން ފާހަގަކޮށްފައިވެ އެވެ. ޖިންސީ ޝިކާއަކަށް ކުދިން ހެދުމުގެ ނަތީޖާ އަކަށް ވަނީ ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވުމުގެ އިތުރުން އިޖުތިމާއީ އެތައް ދަތިތަކަކާއި ހުރަސްތަކެއް ކުރިމަތިލާން ޖެހުން ކަން ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

ރާއްޖޭގައި، ބޮޑުވެފައިވާ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި އެފަދަ ވިސްނުމެއް ހުރި މީހަކަށް އެމްޑީޕީގެ ޓިކެޓް ދީގެން ނުވާނެ ކަމަށް ގޮވާލައި މަދީހާއާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ. މުއައްސަސާތަކުގައި ހިމެނޭ، މީހުން ޒިންމާ އަދާނުކުރުމާއި ފަރުވާކުޑަވުމާއި އިހުމާލު ޖިންސީ ގޯނާގެ މައްސަލަތަކުގައި ފެންނަން އޮވެ، މުޅި ރަށެއްގެ ރައްޔިތުން ތަމްސީލްކުރާ ކައުންސިލްގައި، މަދީހާގެ ވިސްނުމުގެ މީހަކު ހުރެގެން ނުވާނެ ކަމަށް ދަނީ ބުނަމުންނެވެ.

މަދީހާގެ މައްސަލަ ހޫނުވުމުން އެމްޑީޕީން ވަނީ އެކަން ބަލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެ ޕާޓީން ކުރި ޓުވީޓެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމަކީ މި ޕާޓީގެ އެންމެ މައި އެއް ވިސްނުން ކމަށެވެ. އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކައި އަމަލުކުރާ މެމްބަރުން ދެނެގަތުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުން ޝެޑިއުލްކޮށްފައި ވަނީ މިއަދު މެންދުރު 12:30 އަށެވެ.

ދެ އަހަރުގެ ކުއްޖާ އަށް އަނިޔާ ލިބުނުތޯ ސުވާލު އުފައްދައި މަދީހާ ވާހަކަ ދެއްކި އިރު، އެ ކުއްޖާ އަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނި ކާފަގެ ފަރާތުން ކަނޑުހުޅުދޫގެ އެހެން ކުދިންނަށް އެ ބިރު ކުރިމަތިވެފައިވެ އެވެ. މުނި ކާފަ ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ރެކޯޑު މުއައްސަސާތަކުގައި އޮވެ އޭނާ ދޫކޮށްލާފައި ހުރި އިރު، އަމިއްލަ ދަރިއަކާ ބެހެން އުޅުމުގެ ތުހުމަތު ކާފަ އަށް ވެސް ކުރެ އެވެ. އޭނާގެ އަންހެނުންނަށް އެނގޭ ކަމަށް ތުހުމަތުކުރާ އެ މައްސަލަ މުއައްސަސާއެއްގައި ރިޕޯޓް ނުކުރީ އެވެ.

ސަބަބެއް ކަމަށް ކަނޑުހުޅުދޫގެ ރައްޔިތުން ބުނަނީ، ކާފަ އާއި މުނި ކާފަގެ އާއިލާގެ ނުފޫޒު އެ ރަށުގެ މުއައްސަސާގެ ތެރޭގައި ގަދަވުމެވެ. އެހެންވެ ރިޕޯޓް ކުރިއަސް ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީން ކަމެއް ނެތީ އެވެ.