ސާކު ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގައި ފުރިހަމަ އެހީތެރިކަން ދޭނަން: ރައީސް

ސާކުގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަބަދު ވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


"ސާކް ޗާޓާ ޑޭ" ގެ މުނާސަބަތުގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ބީ ސިއާލަށް ފޮނުއްވި ސިޓީފުޅެއްގައި ރައީސް ވިދާޅުވީ 1985 ވަނަ އަހަރު ސާކް އުފެދި ހަރަކާތްތެރިވާން ފެށި ފަހުން، މި ސަރަޙައްދުގެ ގައުމުތަކަށް އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމަށް މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ކަމަށެވެ. ހާއްސަގޮތެއްގައި އިޖުތިމާއީ އަދި އިގުތިސޯދީ ދާއިރާއިން ސާކުން ކުރަމުން އަންނަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކާ މެދު ގުޅުން ބަދަހިކުރުމުގައި ސާކުން މިހާރު ވެސް އިސް ދައުރެއް އަދާކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

ދެކުނު އޭޝިޔާއަކީ މުއްސަނދި ސަގާފަތެއް އޮތް ސަރަހައްދެއް ކަމަށާއި އެކި ގައުމުތައް ތަފާތުވީ ނަމަވެސް ހުރިހާ ގައުމެއް ވެސް އެއްގަލަކަށް އަރައިގެން މަސައްކަތް ފެށީ، އޭޝިޔާ ބައްރަކީ ސުލްހަވެރި އަދި ތަނަވަސް ސަރަހައްދަކަށް ހެދުމަށް ކުރާ އުއްމީދުގެ ސަބަބުންކަން ރައީސްގެ ސިޓީފުޅުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ސާކުގެ ސަރަހައްދުގައި ސުލްހަ ގާއިމުކޮށް، އިޖްތިމާއީ އަދި އިގުތިސޯދީ ހަމަޖެހުން ގާއިމްކުރުމަށް ރާއްޖެ އަބަދު ވެސް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމުތަކުގެ ތަފާތު އެއްކައިރިކޮށް މި ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ލާބަ އާއި މަންފާއަށް އެންމެން އެކުގައި މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސިޓީފުޅުގައި ވިދާޅުވި އެވެ.

ސާކުގައި ހިމެނެނީ ރާއްޖޭގެ އިތުރުން އިންޑިޔާ އާއި ސްރީލަންކާ އާއި އަފްޣާނިސްތާނާއި ބަންގްލަދޭޝާއި ބޫޓާއި ނޭޕާލް އަދި ޕާކިސްތާނެވެ.