16 ޑިސެމްބަރ 2018 - 15:23
ދުނިޔޭގެ މޫސުމާ ބެހޭ ކޮންފަރެންސްގައި އެންމެ ފަހުން ގައުމުތަކުން އެއްބަސްވުމަކަށް އާދެވުމަކީ ރާއްޖެ އާއި ރާއްޖެ ފަދަ ކުދި އެހެން ގައުމުތައް ހިމެނޭ ކްލައިމެޓް ސަމިޓްގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ނޭޝަންސް (އެއޯސިސް) އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް، އެ އިއްތިހާދުން މިއަދު ބުނެފި އެވެ.
ޕޮލެންޑްގެ ކެޓޮވިޗްގައި ބޭއްވި ކޮޕް24 ގެ ބައްދަލުވުން ރޭ ނިމުނީ މޫސުމާ ބެހޭ މަޝްހޫރު "ޕެރިސް އެގްރިމެންޓް" ސަލާމަތްކުރެވޭ ކަހަލަ އެއްބަސްވުމަކަށް، 196 ގައުމަކުން އާނބަސް ލިބިގެންނެވެ.
ދުނިޔޭގެ ހޫނުމިން މަތިވެ، އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމުތައް ކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެންކަމުން މޫސުމާ ބެހޭ ބައްދަލުވުންތަކުގައި އެއްކޮށް މަސައްކަތްކުރަން އެކުލަވާލައިފައިވާ އެއޯސިސްއަށް ރޭގެ އެއްބަސްވުމަކީ ބޮޑު ކާމިޔާބީއެކެވެ.
ގައުމުތަކުން އެއްބަސްވުމަކަށް އައީ ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރި ވަރަށް ވުރެ 2 ޑިގްރީއަށް ވުރެ މައްޗަށް ދިޔަނުދޭން ފިޔަވަޅު އަޅަން އެކުލަވާލި ޕެރިސް އެގްރިމެންޓް ތަންފީޒުކުރާނެ އުސޫލުތަކެއް ހަދާށެވެ. މިފަހަރުގެ ކޮންފަރެންސްގެ ކުރިން ބެލެވުނީ އެފަދަ އެއްބަސްވުމަކާ ހަމައަށް ވެސް ނުދެވިދާނެ ކަމަށެވެ.
ޕެރިސް އެގްރިމެންޓަށް ފުރިހަމައަށް އަމަލުކުރަން ބޭނުންވާ ގަވައިދުތައް އެކުލަވާލަން އެއްބަސްވުމުން، ދުނިޔޭގެ ބޮޑެތި ގައުމުތައް ވެސް އޭގެ ތެރޭގައި ވަނީ ހިމެނިފަ އެވެ.
Congratulations to #aosis delegates who again seemed to accomplish the impossible @COP24 ParisAgreement lives! pic.twitter.com/XrL27Gn7LR
— AOSIS (@AOSISChair) December 16, 2018
އެއޯސިސްގެ ޓްވީޓް
ކޮޕް24 ގައި އެއްބަސްވި ގޮތަށް ޕެރިސް އެގްރިމެންޓަށް އަމަލްކުރާނެ އުސޫލުތައް ކަނޑައަޅައި، 2020 ގައި އެ ތަންފީޒުކުރެވޭނެ ކަމުގެ އުއްމީދު މިހާރު ވަނީ ބޮޑުވެފަ އެވެ.
"ޕެރިސް ރޫލްބުކް"ގެ ނަން ދީފައިވާ އާ އެއްބަސްވުމަށް އަމަލުކުރުމުގައި ފަގީރު ގައުމުތަކަށް ވަނީ ލުއިތަކެއް ދީފަ އެވެ. ތިމާވެށީގެ ގޮތުން ނާޒުކު ކުދި ގައުމުތަކަށް އެ އެއްބަސްވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ މުއްސަނދި ގައުމުތަކުން ތިމާވެއްޓަށް ކުރާ ގެއްލުމަށް ބަދަލުދޭން ޖެހޭ ކަމެވެ. ތިމާވެއްޓަށް ކުރާ ގެއްލުމަށް ގާނޫނީ ގޮތުން ޒިންމާވާން ޖެހޭ ގޮތަށް އެއްބަސްވުމެއް ގާއިމްކުރަން މުއްސަނދި ގައުމުތަކުން ކުރިން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
އިންޓަ ގަވަމެންޓް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން އެކުލަވައިލި ދިރާސާ ރިޕޯޓެއް ބަލައިގަންނަން ސަމިޓްގައި ބައިވެރިވި ބައެއް ގައުމުތަކުން ދެކޮޅުހެދި އެވެ. އެމެރިކާ، ރަޝިޔާ، ސައުދީ އަރަބިއްޔާ އަދި ކުވައިތުން ދެކޮޅުހެދި އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދުނިޔެ މިހާރު ހޫނުވަމުން އަންނަނީ ކުރިން ލަފާކުރި ވަރަށް ވުރެ މާ ބޮޑަށެވެ. އެގޮތުން މި ގަރުނުގެ ތެރޭގައި މިހާރު ހުރި ވަރަށް ވުރެ ފިނިހޫނުމިން ތިން ޑިގްރީ މައްޗަށް ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެ ގައުމުތަކުން ދެކޮޅު ހެދުމުން ކޮންފަރެންސްގައި އައިޕީސީސީގެ ރިޕޯޓް ހިމަނާފައެއް ނުވެ އެވެ.
ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ކުދި ގައުމުތަކަށް އެހީވާން ލާޒިމުކުރާ ގޮތަށް އެކުލަވައިލި އެއްބަސްވުމުގައި ގައުމުތަކުން ސޮރިކުރަން ރާއްޖެއިން ވަރަށް ބޮޑަށް ބާރުއެޅި އެވެ. ކޮޕް24 އަށް ރާއްޖޭން ދިޔަ ވަފުދުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރޫލް ބުކް ފާސް ނުކުރެއްވިއްޖެ ނަމަ ޕެރިސް އެގްރިމެންޓް ވާނީ ބޭކާރު އެއްބަސްވުމަކަށް ކަމަށެވެ.
ކޮޕް 24 ގައި ބައިވެރިވަޑައިގެންނެވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު މާލެ ވަޑައިގެން އެއާޕޯޓްގައި --ފޮޓޯ: ނިޝާން އަލީ
"ޕެރިސް އެގްރިމެންޓަކީ ބޭކާރު އެއްޗަކަށް ވެއްޖެ ނަމަ އަދި ދުނިޔޭގެ ފިނިހޫނުމިން [މިހާރު ހުރި ވަރަށް ވުރެ] 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދީ ހިފަހައްޓައި ނުލެވިއްޖެ ނަމަ މުރަކައިގެ ފަރުތައް މަރުވާނެ. އަޅުގަނޑުމެންގެ ބަޔޯ ޑައިވާސިޓީ ގެއްލިގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ކާނާގެ ރައްކާތެރިކަން ނެތިގެން ދާނެ. އަޅުގަނޑުމެންގެ ގައުމުގެ ފެން ވެސް ތަޣައްޔަރު ވާނެ. އަޅުގަނޑުމެން ބޯ ފެނަށް ޖެހޭނެ. އަޅުގަނޑުމެންގެ ދިރިއުޅުން އަދި އަޅުގަނޑުމެންގެ ގައުމުތަކަށް ދެމިއެއް ނުތިބެވޭނެ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
16 December 2018
ޥަރަށް ބޮޑު ޝުކުރެއް ނަޝީދު އަށް
ހޫނުވަނީ
16 December 2018
މުރަކައާ އެހެނިހެން މަސްމަހާމެހި ނެތިގެން ދަނީ ދުނިޔެހޫނުވީމަ އެކަނި. ހުރިހާ ފަޅުތަކާ ފަރުތަކަށް ފަސްއެޅިޔަސް އެއީ މައްސަލައެއް ނޫން.
ސަޅި
16 December 2018
ޑައިނަސޯރއަށް ދަންދެން ގޮވީމަ ހާސިލްވި ނަތީޖާ. މިކަހަލަ ކާމިޔާބު ކަންކަން ކުރެވެން އޮއްވާ ކީއްކުރަންތަ ވެރިކަމާހެދި އުޅެނީ؟
ސަމޭދާން ބުނި ގަތޫރާ
16 December 2018
ނަޝީދު ހުންނާނެ މިހާރު ވަރަށް ފޮނިވެފަ.
ދޮން މިތުރު
16 December 2018
މަރީރުއަށް މަރުހަބާ. ވަރަށް ރަނގަޅު މަސައްކަތްތަކެއް ތި ކުރައްވަނީ..!