ސިމެންތި ބަސްތާއެއް ވެއްޓި މިއަދު ޒަހަމްވި ކުޑަކުއްޖާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. އަދި އެ ހާދިސާ ހިނގި މަންޒަރު ފެންނަ ސީސީޓީވީ ކެމެެރާގެ ވީޑިއޯއެއް ވެސް ވަނީ މިހާރު ވަނީ އާއްމުވެފަ އެވެ.
ޕޭވްމަންޓު މަތިން ހިނގާފައި ދަނިކޮށް ނުވަ އަހަރުގެ އަންހެން ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނީ، ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި ހަދަމުންދާ އިމާރާތުގެ ފަސް ވަނަ ބުރިންނެވެ. ހެނދުނު 10:30 ހާއިރު ހިނގި ހާދިސާއާ ގުޅިގެން އެ ކުއްޖާ ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޮޕަރޭޝަނެއް ކުރުމަށް އެ ކުއްޖާ ތިއޭޓަރަށް ވައްދާފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އެކަމަކު ލިބިފައިވަނީ ކޮން ގެއްލުންްތަކެއް ކަމެއް ހޮސްޕިޓަލުން ނުބުނެ އެވެ. އެނގިފައިވާ ގޮތުގައި އެ ކުޑަކުއްޖާ އަކީ ބަންގްލަދޭޝްގެ ކުއްޖެކެވެ.
އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ އަންހެން ކުއްޖައާއެކު ބޮޑު އަންހެނެއް ވެސް ހިނގާފައި ދެ އެވެ. ވަކި ހިސާބަކަށް ދިޔަތަނާ ކުއްލިއަކަށް ސިމެންތިތަކެއް މަތިން ފައިބަ އެވެ. ސިމެންތިތަކާ އެކު، ސިމްނެތި ބަސްތާއެއްގެ ބައެއް ވެސް ވެއްޓޭ ތަން ފެނެ އެވެ. އޭނާގެ ބޯ މައްޗަށް ބަސްތާ ވެއްޓުމާ އެކު އެ ކުއްޖާ ބިން މައްޗަށް ވެއްޓެ އެވެ. ވަރަށް ގިނަ އަދަދަކަށް ސިމެންތި ފޭބުމުން، އެ ސަރަހައްދު އެއްކޮށް ދުން ބޯކޮށްލަ އެވެ. އެހެންވެ، އެކަކު އަނެކަކަށް ނުފެނިގެން، ކުޑަ ކުއްޖާ ވެސް ސިފަ ނޭނގޭ ވަރަށް އޮތީ ސިމެންތިތަކުގެ ތެރޭގަ އެވެ. އެހެންވެ، އެއްވެސް މީހެއްގެ ސަމާލުކަމެއް ނުލިބި އެ ކުއްޖާ ބިންމަތީގައި "ހޭނެތިފައި" ކަހަލަ ގޮތަކަށް ކުޑަ އިރުކޮޅަކު އޮވެ އެވެ.
ސިމެންތި ބަސްތާ ވެއްޓުމާއެކު، އެ އެންމެން ވެސް އެތަނުން ދުރަށް ދެ އެވެ. އެ ކުއްޖާ ފެނުމާ އެކު، ނަގައި، ކޮނޑަށް ލައިގެން ގެންދަނީ އެތަނަށް ދިޔަ މީހެކެވެ. އެ އިމާރާތުގެ މަސައްކަތް ކުރަމުން ދަނީ ޑަބްލިޔު ކޮންސްޓްރަކްޝަނުންނެވެ.