ކުންފުނި ވަނީ އިހުމާލުވެފައި، މަސައްކަތްކުރީ ހުއްދަ ނުނަގާ: ސިޓީ ކައުންސިލް

ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މ. ނަލަހިޔާ މަންޒިލްގައި އިމާރާތުގެ މަސައްކަތް ކުރީ އެކަމުގެ ހުއްދަ ނުނަގާ ކަމަށާއި އެކަމުގައި އެ ކުންފުނި ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތަކާ އަކުން ޖެހި އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކު ވަނީ ސީރިއަސް ހާލަތުގައި، އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ. ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް އަންހެނެއްގެ ދަރިފުޅަށް އެ ހިތާމަވެރި ހާދިސާ ކުރިމަތިވީ މަންމައާ އެކު ހިނގާފައި ދަނިކޮށެވެ.

ނަލަހިޔާ މަންޒިލްގެ ވަށައިގެން ވަނީ ދާ ވެސް ޖަހައިފަ އެވެ. އެކަމަކު ސިމެންތި ބަސްތާ ވެއްޓުނީ ދާގަނޑުގައި ހެދިފައި ހުރި ބާގަނޑަކުން ކަމަށް ވެ އެވެ.

އެ ހާދިސާ އަށް ފަހު ސިޓީ ކައުންސިލާއި ނޭޝަނަލް ޕްލޭނިން މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެތަނުގައި ބޯޑެއް ބަހައްޓާފައި ހުއްޓަސް އެއީ އެވަގުތު ކުރަމުން ދިޔަ މަސައްކަތަށް ނަގާފައިވާ ހުއްދައެއް ނޫން ކަމަށެވެ. އަދި މަސައްކަތް ސުޕަވައިޒްކުރުމުގައި ވެސް ކަންކަން ދިޔައީ ވަރަށް ފަރުވާ ކުޑަކޮށް ކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަގާފައިވާ ހުއްދަތަކަށް ބަލާއިރު އެތާ އޭރިޔާ ކޯޑަން ކޮށްފައެއް ވެސް ނެތް. ހަމައެކަނި އިނީ ބޯޑެއް އެކަނި ޖަހާލާފައި. މިހާރުން މިހާރަށް ހުރި ގަވާއިދުތަކަށް ބެލިކަމުގައި ވިއަސް މި ދެންނެވި ކުންފުނީގެ ވަރަށް ބޮޑު އިހުމާލެއް އެބަ އޮތްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ޝިފާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ވަނީ، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގައި މިހާރަށް ވުރެ ހަރުދަނާ ގޮތްތަކެއް ކަނޑައަޅަން ނިންމައިފަ އެވެ. އަދި އެކަން މިއަދު ބާއްވާ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާއިތުވި ފަސް އަހަރު މާލެ ސިޓީ ބެލެހެއްޓުމުގެ ހުރިހާ ކަމެއް ދޫކޮށްލާފައި ވަނީ ދޯދިޔާކޮށް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ސިޓީ ކައުންސިލްތަކުގެ ގިނަ ބާރުތަކެއް، އެކި މިނިސްޓްރީތަކަށް ނަގައިފަ އެވެ.

ސިމެންތި ބަސްތާ ވެއްޓުމުގެ ހާދިސާއަށް ފަހު ސިޓީ ކައުންސިލުން ވަނީ އިމާރާތްކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އަދި މަސައްކަތު ސައިޓުތަކުގެ ރައްކާތެރިކަން ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަމުރު ވެސް ކުރައްވައިފަ އެވެ.

ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މީގެ ފަހުން މަސައްކަތް ކުރުމުގެ ހުއްދަ ދޭން ނިންމާނީ ސިޓީ ކައުންސިލާއި ފުލުހުންނާ އެކު އެ ސައިޓުތައް ބަލައި އެއީ އެކަށީގެންވާ ރައްކާތެރިކަން އަޅާފައި ހުރި ތަނަކަށް ވާ ނަމަ ކަމަށެވެ.