އައްޑޫގެ އާ ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އައްޑޫގެ ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.


އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ސަރުކާރަށް ދިން ލޯނު އެހީން ހިތަދޫގައި ހުންނަ އީސީސީގައި ހޮސްޕިޓަލް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެތަން ތަރައްގީކުރަން ޝައުގުވެރިވާ ބޭރާއި ރާއްޖޭގެ ފަރާތްތަކަށް ހުޅުވާލާ ކަމަށް އިއުލާނުގައި ބުންޏެވެ.

އީސީސީ އަކީ އައްޑޫގެ ފަހުރެއް ކަމަށް ބުނެ އެ ތަނުގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްގީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސެންޓަރު ނައްތާލުމަކީ ރައްޔިތުންނަށް ފުރައްސާރަ ކުރުން ކަމަށެވެ. އަދި ސަރުކާރުން ކަންކަން ކުރަން އުޅެނީ "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ކަމަށް ވެސް މިދިޔަ އަންގާރަ ދުވަހު ނެރުނު ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާން ކުރީ އާ ހޮސްޕިޓަލްގެ ޑިޒައިން ވެސް ނިންމައި އެތަން އަޅަން ކަނޑައެޅި ބިން ވެސް ސާފު ކުރުމުގެ މަސައްކަތް 2014 ވަނަ އަހަރު ފެށުމަށް ފަހު އެވެ. އަދި ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން ބިޑަށް ވެސް ލުމަށް ފަހު، މިދިޔަ އަހަރު ވަނީ ބީލަން ވެސް ބާތިލްކޮށްފަ އެވެ.

އައްޑޫ އާ ހޮސްޕިޓަލަކީ ސައުދީން ދިން 12.5 މިލިއަން ޑޮލަރު އަދި އޯފިޑް އިން ދީފައިވާ 8.5 މިލިއަން ޑޮލަރުގެ ލޯނުގެ އެހީގައި އިމާރާތް ކުރަން ނިންމި ތަނެކެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި އެ މަޝްރޫއު ނިންމަން ނަގާނީ 18 ވަރަކަށް މަސް ކަމަށެވެ.