މުނިފޫހި ފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ބައެއް މީހުން އޮއިވާލި ކަނދުފަތިތައް ކައިރީ ވަދު އަޅައިގެން މަސްވެރިކަންކުރުން އިތުރުވެފައި ވާތީ އެގޮތަށް އަމަލުކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.
މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށް އަޅާފައިވާ ކަނދުފަތިތަކުގެ ކައިރީގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މުނިފޫހި ފިލުވުމަށް މަސްވެރިކަންކުރާ ކުދި އުޅަނދުފަހަރު އޮއިވާލި ކަނދުފަތިތަކުގެ ކައިރިން މަސްވެރިކަންކުރުން އިތުރުވަމުންދާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް އެމިނިސްޓީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކޯސްޓް ގާޑާއި ފުލުހުންނާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
ސަރުކާރުން ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުގައި އަޅާފައިވާ 55 އޮއިވާލި ކަނދުފަތީގެ ވިއުގަ އަކީ ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްފައިވާ އެއްޗިއްސެވެ. ކަނދުފަތީގެ ވިއުގަ ބަލަހައްޓަނީ ދައުލަތުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މަސްވެރިކަމުގެ ގަވާއިދުގައި ބުނާ ގޮތުން އޮއިވާލި ކަނދުފަތިތަކުގެ ތިން މޭލު ކައިރީގައި ދިރޭ އެން ޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމާއި، ވަދު އަޅައިގެން މަސްވެރިކަން ކުރުމާއި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
މިނިސްޓްރީން ބުނީ ކަނދުފަތީގެ ސަރަހައްދުގައި ވަދު ދަމައިގެން ނުވަތަ ވަދު އުކައިގެން މަސްވެރިކަން ކުރުމުންނާއި ދިރޭ އެންޖަހައި ފައްތައިގެން މަސްވެރިކަން ކުރުމުން އެސަރަހައްދުގައި މަސް އައިން ތިލަވުމަށް އަދި ހިފެހެއްޓުމަށް ރަނގަޅު ނޫން އަސަރުކުރާ ކަމަށެވެ.