އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ޝާފިއު

އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް، ފުވައްމުލަކު، މާދަޑު، ނަޒާ، ޝާފިއު، އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި އެވެ.


އޭނާ މީގެކުރިން ޚިދުމަތް ކުރެއްވީ ތައުލީމީ ދާއިރާގަ އެވެ. އެގޮތުން، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އަދި ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަން ވެސް ޝާފިއު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީ އަށް މިއަދު އައްޔަން ކުރެއްވި ޝާފިއުއާ އެކު، އެ މިނިސްޓްރީގައި ތިއްބެވި މިނިސްޓަރުންގެ ނައިބުންގެ އަދަދަކީ ތިނެކެވެ.

ކަރެކްޝަނަލް ސާވިސް އަށް އައްޔަން ކުރެއްވި އިބްރާހިމް ދީދީ.

މީގެ އިތުރުން، ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އިބްރާހިމް މުހައްމަދުދީދީ ވަނީ އައްޔަން ކުރައްވައިފަ އެވެ. އެތަނުގައި 2006 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަން ފެއްޓެވި އިބްރާހިމް އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގަ އެވެ.

އޭނާ އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ހަސަން ޒިލާލް މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމުންނެވެ.

މި ސަރުކާރުގައި މިނިސްޓަރުންގެ ނައިބުން ނުވަތަ އެ ފެންވަރުގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އަދަދު މިހާރު ވަނީ 51 އަށް އަރައިފަ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.