ކުރީގެ ރައީސް ޔާމީން، ފުލުސް އޮފީހުގައި 6 ގަޑިއިރު!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ ޚިޔާނާތާއި މަނީ ލޯންޑެރިންގެ މައްސަލަތަކުގެ ތަހުގީގަށް އެމަނިކުފާނު މިއަދު ފުލުހުންގެ އިދާރާގައި ހަ ގަޑިއިރު ހޭދަކުރައްވައިފި އެވެ.


ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން، އެމަނިކުފާނު މިއަދު ވަޑައިގަތީ، މިއަދު މެންދުރުފަހު 2 ޖެހި އިރެވެ. ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގުގައި ހަ ގަޑިއިރު ހޭދަކުރެއްވުމަށް ފަހު އެނބުރި ގެކޮޅަށް ވަޑައިގަތީ މިރޭ އަށެއް ޖެހި ފަހުންނެވެ.

އެ ތަހުގީގަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޔާމީން ހާޒިރުކުރީ ފުލުހުންގެ ތަހުގީގަށް ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެމަނިކުފާނު ހާޒިރުވާން އެންގީ ކުރިން ނެގި ބައެއް ބަޔާންތަކުގައި ސޮއި ކުރައްވާށެވެ.

ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ގަދަ ޔާމީނަށް ކުރާ އެއް ތުހުމަތަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި ފައިސާ ލޯންޑަކުރުމެވެ. އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދެއްވި މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރެ އެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ ދެ ޗެކަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި އެވެ. އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ ޑޮލަރު އެކައުންޓަކަށް ޖަމާކުރި އެ ފައިސާ ދައުލަތާ ހަވާލު ކުރައްވަން އިންކާރު ކުރައްވައި، 2017 ވަނަ އަހަރު އެ ބޭންކުގެ އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށްފައިވާ ކަން "މިހާރު" އަށް އެނގިފައިވެ އެވެ. އެއީ، އެ ފައިސާ އިން ފައިދާ ހޯއްދެވުމުގެ މަގެކެވެ.

ފުލުހުންގެ އިދާރާ އަށް އާދީއްތަދުވަހު ވަޑައިގަތުމަށް ކުރީގެ ރައީސް ޔާމީން ކާރަށް އަރާވަޑައިގަންނަވަނީ. --މިހާރު ފޮޓޯ:ނިޝާތު

އެއް މިލިއަން ޑޮލަރު ހަވާލުކުރަން އޭސީސީން އެދުމުން އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީގެ ބާރު އޮންނަ ގޮތަށް ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހަދައި ފައިސާ ހަވާލުކުރާށެވެ.

ތަހުގީގުގައި ޔާމީނާ ސުވާލުކޮށް، ފުލުހުން އާއްމުކުރި ގޮތުގައި، އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވި ކަމަށް ވިދާޅުވެ ވެސް އެމަނިކުފާނު ހެއްދެވީ އިތުރުފުޅެކެވެ. ރައްޔިތުންގެ ފައިސާ އަދިވެސް ހުރީ އަމިއްލަފުޅު އެކައުންޓުގަ އެވެ.

ޔާމީންގެ ބީއެމްއެލް އެކައުންޓަކުން، ޖޫން، 10، 2018 ގައި އެސްކްރޯ އެކައުންޓަށް ޔާމީން ޖަމާކުރެއްވީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ފައިސާ އެވެ. އޭނާ އަށް އެ ފައިސާ ޓްރާންސްފާކުރީ، އެނގިފައިވާ ގޮތުގައި، ޔާމީނާ ވެސް ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުންފުންޏަކުންނެވެ.

އެއްބަސްވުމާ އެއްގޮތަށް ފައިސާ ޖަމާކުރެއްވި ކަމަށް އޭސީސީ އަށް އެންގެވީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ. އެނގިފައިވާ ގޮތުގައި އާޒިމާގެ މައްޗަށް ތަފާތު ތިން ތުހުމަތެއް ފުލުހުން ކުރެ އެވެ. އެއީ، މަނީ ލޯންޑަ ކުރުމުގައި ޔާމީނަށް އެހީތެރިވުމާއި ހަގީގަތް އޮޅުވާލުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތެވެ.

ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަން ބަލައިދޭން އެދުނީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެގޮތުން ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް، އެ މައްސަލަ ތަހުގީގުކޮށްދޭން އެފްއައިޔޫ އިން ހުށަހެޅުމާ އެކު، ހުރިހާ މައުލޫމާތެއް އޮތީ ފުލުހުންގެ ތެރެއިން އެމަނިކުފާނާ ހަމައަށް ފޯރައިފަ އެވެ. އެ މައްސަލަ ތަހުގީގު ނުކޮށް އޭރު އޮތީ އެހެންވެ ކަމަށް ތުހުމަތު ކުރެވެ އެވެ.