ރިޔާޒް މި ފަހަރު ނުކުންނަވަނީ ތިމަރަފުށި ދާއިރާ އަށް

ރައްޔިތުންގެ މަޖިލިހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން މިހާރު ކުރައްވާ އަބްދުﷲ ރިޔާޒް، މި އަހަރުގެ އާންމު އިންތިޚާބުގައި އޭނާގެ އުފަން ރަށް ތިމަރަފުށި ދާއިރާ އަށް ވާދަކުރައްވަން ނިންމަވައި މިއަދު އެކަން އިއުލާން ކުރައްވައިފި އެވެ.


މި ސަރުކާރު ހިންގާ ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމަރަފުއްޓާއި ވޭމަންޑޫ ހިމެނޭ ދާއިރާ އަށް މި ފަހަރު އޭނާ ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށާއި އެ ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޔާޒް ކުރެއްވި ޓްވީޓް--

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ފުލުހެއްގެ ގޮތުގައި 20 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ރިޔާޒް "މިހާރު" އަށް މިއަދު ވިދާޅުވީ، އަމިއްލަ ދާއިރާ އަށް ވާދަކުރައްވަން ނިންމެވީ ތިމަރަފުށީގެ އިތުރުން އެ ދާއިރާ އަށް ޚިދުމަތްތަކެއް ކޮށްދެއްވަން ބޭނުންވާތީ ކަމަށެވެ.

"އެންމެ ފަހުގެ އިންތިޚާބުގައި ވެސް އަޅުގަނޑު ބޭނުންވީ ތިމަރަފުށި ހިމެނޭ ދާއިރާ އަށް ވާދަކުރަން. އެކަމަކު ޝަރީފަކީ [އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް] އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެއް ކަހަލަ ބޭފުޅަކަށް ވާއިރު އޭނާއާ ވާދަކުރަން ޖެހުނީމާ ކިނބިދޫ ދާއިރާ އޭރު އިހްތިޔާރު ކުރީ. އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ތިމަރަފުށީގެ އިތުރުން ތިމަރަފުށި ދާއިރާ ހިމެނޭ ވޭމަންޑު އަށް ޚިދުމަތް ކުރަން،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޚާއްސަކޮށް ބައްޕަ އާއި އާއިލާ އަކީ ތިމަރަފުށީގެ އިތުރުން ތ. އަތޮޅަށް ވެސް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ބަޔަކު ހިމެނޭ އާއިލާ އަކަށް ވާތީ އެކަން އެގޮތުގައި ދަމަހައްޓަން ބޭނުންވާ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރަކަށް މިހާރު ހުންނެވި މުހައްމަދު މުސްތަފާ ވެސް ގެންދަވަނީ އެ ދާއިރާގެ ޓިކެޓް ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ކެމްޕެއިން ކުރައްވަމުންނެވެ. މުސްތަފާ މި ފަހަރުގެ މަޖިލީހަށް ވެސް އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަމަވެސް ފަހުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު، އަނެއްކާ އެމްޑީޕީ އަށް ސޮއިކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އެވެ.

މި އަހަރުގެ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ވާދަ ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ނިންމާފައިވަނީ ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށެވެ.