ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.
ކައުންސިލް ގްރޫޕަށް ޔާމީން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުހިއްމު ނިންމުންތަކެއް ނިންމަން ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބާއްވަން ބޭނުންފުޅުވާ ކަމަށެވެ. އެ ބައްދަލުވުމުގައި ކައުންސިލްގެ ހުރިހާ މެމްބަރުން ބައިވެވެވަޑައިގަތުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.
"ވަރަށް މުހިއްމު ކަންކަން ނިންމަން ޖެހޭ،" މެސެޖުގައި ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ބައްދަލުވުމަކަށް ގޮވާލެއްވިއިރު އެ ޕާޓީ ދޫކޮށްލައްވަން ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ޔާމީން ވަނީ ފައްޓަވައިފަ އެވެ. އެ ޕާޓީ އުފެއްދުމުގެ ޖަލްސާގެ ހުއްދަ އަށް އެދި 4،000 މެމްބަރުންގެ ފޯމު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.
ޔާމީން އެދިވަޑައިގަތުމާއެކު ކައުންސިލް ބައްދަލުވުން މިރޭ 8:30 ގައި އޮންނާނެ ކަން ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފް ވަނީ މެމްބަރުންނަށް އަންގަވައިފަ އެވެ.
ޕީޕީއެމްގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންތަކެއް މިހާރު ވަނީ ޕާޓީން ވަކިވެ، ޔާމީންގެ އާ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެހެންކަމުން އެ މެމްބަރުންނަށް މިހާރު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ.
މިކަން، ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.
ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އާޒިމާ ވިދާޅުވީ އާ ޕާޓީ އަށް ސޮއިކުރައްވައިފި ނަމަ މިހާރު އެއީ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ބަލައެއް ނުގަނެވޭނެ ކަމަށެވެ. ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން އެ ބޭފުޅުންނާ އެކު ބާއްވައިފި ނަމަ ސައްހަ ބައްދަލުވުމަކަށް ނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޔާމީން ފޮނުއްވި މެސެޖެއްގައި، ޕީޕީއެމްގެ ކައުންސިލް މެމްބަރުން އަވަސް އަރުވާލައިގެން ޕީއެންސީ އަށް ސޮއި ނުކުރައްވަން ވެސް އެދިވަޑައިގަތެވެ.
ޔާމީން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ، ސުޕްރީމް ކޯޓުގައި ޕީޕީއެމްގެ މައްސަލަ ދިގުލައިގެންދާ ކަމަށް ވިދާޅުވެ އެވެ. އެއީ، ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެވެ. މައްސަލައިގެ ފައިލް ސުޕްރީމް ކޯޓުން ގެންދިއުމަށް ފަހު، އިބްތިދާއީ ބައްދަލުވުމެއް މިއަދު ބޭއްވި އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ރައީސަކަށް ޔާމީން އިންތިޚާބުކޮށް، އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޚާއްސަ ކޮންގްރެސްގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހެދުމުން، އެ ނިންމުންތައް ބަލައިގަތުމަށް ހައި ކޯޓުން ކޮމިޝަންގެ މައްޗަށް އަމުރު ކުރުމުން އެ ކޮމިޝަނުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.