ބީއެމްއެލްގެ ހިޔާނާތް: މުވައްޒަފު ހިޔާނާތްވީ 4.9 މިލިއަނަށް، މައްސަލަ ފުލުހަށް

ބީއެމްއެލްގެ މުވައްޒަފު ހިޔާނާތްތެރިވީ 4.9 މިލިއަނެއްހާ ރުފިޔާއަށް ކަމަށާއި އެ މައްސަލަ މިހާރު ފުލުސް އޮފީހަށް ހުށައަޅައިފި ކަމަށް، ގައުމީ ބޭންކުން މިއަދު ބުނެފި އެވެ.


މި ހިޔާނާތް ފަޅާއެރުމުން ފުރަތަމަ ވާހަކަ ދެކެވުނީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިއަކަށް ތުހުމަތުކޮށެވެ. އަދި އިންޓާނަލް އޮޑިޓުން އެކަން ބަލަންދެން ދެމަފިރިއަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް "މިހާރު"އަށް އެނގިފައިވެ އެވެ.

އެތެރޭގެ ތަހުގީގަށް ފަހު ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ފިރިހެން މުވައްޒަފަކު ވަނީ ބޭންކްގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލައަށް ބޭނުންކޮށްފައި ކަމަށެވެ.

"މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަން އިތުރަށް ތަހްގީގުކުރުމަށާއި މިކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިހާރު ވަނީ ހުށަހެޅިފަ އެވެ،" ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލުން ބުނި ގޮތުގައި އޭނާ ވަނީ އެތެރޭގެ އެކައުންޓްތަކުގެ މުއާމަލާތްކުރަން އޭނާއަށް ދިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފަ އެވެ.

އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ބީއެމްއެލުން ދީފައެއް ނުވެ އެވެ.

ފުރަތަމަ އަޑު ފެތުރުނު ގޮތުން އެ ދެމަފިރިން ހިޔާނާތްވި މިންވަރު 8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ތުހުމަތުކުރި އެވެ. އެކަމަކު ބީއެމްއެލްގެ ބަޔާނުން އެނގޭ ގޮތުގައި އެ ހިޔާނާތުގައި މުވައްޒަފުގެ އަންހެނުންގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަކަށް ނުފެނެ އެވެ.

ބޭންކުން ބުނީ ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ބީއެމްއެލްގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއް ކޮށްފި ނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.