ރައްޔިތުންގެ މަޖިލިހުގައި ކުލަގަދަކޮށް އޮވެ، ސަރުކާރު ހިމާޔަތް ކުރާނީ ޖޭޕީ: ރިޔާޒް

ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލިހުގައި ކުލަގަދަކޮށް އޮވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިމާޔަތް ކުރާނެ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ވާނެ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.


އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރިޔާޒް ވިދާޅުވީ، ޖޭޕީ އަކީ ޖުމްހޫރީ ވެރިކަން ދިފާއު ކުރުމުގައި އުފައްދާފައި އޮތް ޕާޓީއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން އަބަދުވެސް ތާއީދު ކުރަނީ ޖުމްހޫރީ ވެރިކަމަކަށް ނުވަތަ ރިޔާސީ ނިޒާމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް، (ކ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް (ކ-2) އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ގައުމު އިސްކޮށްގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ސިޔާސީ ގޮތުން ކާމިޔާބީ ހާސިލް ކުރެވޭނެ ހަމައެކަނި ޕާޓީ އަކީ ވެސް އެ ޕާޓީ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމަށް މިހާރު ވެސް ފާރަވެރިވާން ޖެހޭ. އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން އަބަދުވެސް ތާއީދު ކުރާނީ ޖުމްހޫރީ ވެރިކަމަކަށް. ރާއްޖޭގެ ރައްޔިތުން ނިންމާ ނިންމުން ހިމާޔަތް ކުރުމަށް މަޖިލީހުގައި ވާނެ ބަޔަކީ ޖުމްހޫރީ ޕާޓީ،" މިދިޔަ ފަސް އަހަރު ކިނބިދޫ ދާއިރާގެ ގޮނޑި ފުރުއްވުމަށް ފަހު، މި ފަހަރުގެ އާންމު އިންތިޚާބުގައި އުފަން ރަށް ތިމަރަފުށި ހިމެނޭ ދާއިރާ އަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ ރިޔާޒް ވިދާޅުވި އެވެ.

"ރައްޔިތުން އެބައޮތް ނިންމުމެއް ނިންމާފައި. ދިިވެހި ރައްޔިތުން ބޭނުން ވަނީ [ގައުމުގެ ވެރިޔާ ހޮވުމުގައި] އެ މީހުންގެ ބަސް އޮންނަ މީހަކު ގައުމު ހިންގުމުގައި، ވެރިކަމުގައި ހުންނަން. އެ ނިންމުން އަދިވެސް އޮތީ. އެ ނިންމުމާ އެއްކޮށް، ނިންމުން ދިފާއު ކުރުމަށް މަޖިލީހުގައި މަސައްކަތް ކުރާނެ ބަޔަކަށް ޖުމްހޫރީ ޕާޓީ އިސް ސަފުގައި ވާނެ."

ރިޔާޒް އެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިހުގެ މި ފަހަރުގެ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ނިންމެވީ، ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމުގެ އަމަލީ މަސައްކަތް މަޖިލިހުގެ ތެރެއިން ކުރައްވަން ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި މި އިންތިޚާބުގައި ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ކުރިމަތިލައްވައި އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ހޯދުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ބޭނުންފުޅަކީ ވެސް އެއީ ކަމަށް އެތައް ބަޔަކު ބުނެ އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ދަގެނތި ދާއިރާ އަށް ކުރިމަތިއްލަވާ، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ މާލޭގައި ބޭއްވި ހަފްލާގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރިޔާޒް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަޖިލީހުގެ އިންތިހާޚާގައި ޖުމްހޫރީ ޕާޓީން ނުކުންނާނީ ގާބިލް، ތަޖުރިބާ ހުރި ބޭފުޅުންތަކެކެވެ. އެހެންވެ، އެބޭފުޅުންނަށް ތާއީދުކޮށް ދީ، އެ ޕާޓީގެ ކުލަ މަޖިލީހުގައި ފެންނާނެ ގޮތް ހަދައި ދިނުމަށް ރިޔާޒް އެދިވަޑައިގެންނެވި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒް ޖުމްހޫރީ ޕާޓީ އިހްތިޔާރު ކުރެއްވި ސަބަބު ހާމަކުރައްވައި، އޭނާ ވިދާޅުވީ ގައުމަށް ހިދުމަތްކުރަން ބޭނުންވާ ހުރިހާ އެންމެންނަށް ހަމަހަމަ ފުރުސަތެއް އޮތް ޕްލެޓްފޯމަކީ ހަމައެކަނި އެ ޕާޓީ ކަމަށެވެ.

މި ފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ވާދަކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން، ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ޓިކެޓު ދޭނެ ބަޔަކު ކަނޑައެޅުމުގެ ޕްރައިމަރީ މިއަދު މެންދުރު 2:30 ން ފެށިގެން ކުރިއަށް ގެންދާނެ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓު ބޭނުންވާ މީހުންނަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލައިފަ އެވެ.