ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އޮތީ ހުޅުވިފައި: ރައީސް

ރާއްޖޭގައި މިހާރު އޮތީ ވިޔަފާރި ކުރަން ފަހި މާހައުލެއް ކަމަށާއި ރާއްޖޭގައި އިންވެސްޓް ކުރަން ބޭރުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ސްރީ ލަންކާ އަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅުގައި ސިލޯން ޗެމްބަ އޮފް ކޮމާސްގެ މެންބަރުންނާ ހިލްޓަން ހޮޓަލްގައި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިހާރު ވަނީ ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމްކޮށްދީފައި ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައި ސްރީ ލަންކާ އާއި އެހެން ގައުމުތަކުގެ އިންވެސްޓަރުނަ ރާއްޖޭގައި އިންވެސްޓް ކުރަން ވަނީ އެދިވަޑައިގެންފަ އެވެ.

އިގްތިސާދީ ކުރިއެރުމުގެ މައި އިންޖީނަކީ ޕްރައިވެޓް ސެކްޓާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ވިޔަފާރި ކުރަން ލުއި ފަސޭހަ ގޮތްތަކެއް ފަހިވެގެން ދިއުމަކީ އިގްތިސާދީ ގޮތުން އޭގެ ނަފާ ލިބޭނެ ކަމެއް ކަމަށެވެ.

ރާއްޖެ އާއި ސްރީ ލަންކާގައި ޓޫރިޒަމް ފަދަ އެއްގޮތް ދާއިރާތަކެއް ހުރި އިރު މޫސުމަށް ބަދަލު އައުމާއި ގުދުރަތީ ހާދިސާ ފަދަ ކަންކަން ދެ ގައުމަށް ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ދެ ގައުމަށް އެކުގައި ކުރިއެރުވޭނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި އެކުގައި މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކުރެއްވި އެވެ. މީގެއިތުރުން އިގްތިސާދު ކުރިއެރުވުމާއި ވިޔަފާރިތައް އިތުރުކުރުމުގައި ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސް ދެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ސްރީ ލަންކާގެ ބިޒްނަސް ކައުންސިލްގެ ފަރާތުން ރައީސް އަށް ވަނީ ހަނދާނީ ފިލައެއް އަރުވައިފަ އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވާހަކަ ދެއްކެވި އެވެ. އަދި ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދަކުން ވަނީ ސްރީ ލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކޮށްފަ އެވެ.