ފެބްރުއަރީ 7 ގެ ވައުދާ އެއްގޮތަށް މިތިބީ އެނބުރި އައިސް: ނަޝީދު

މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ވީ ވައުދާ އެއްގޮތަށް އެމްޑީޕީ މިތިބީ އެނބުރި އައިސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވެއްޓުނީ 2012 ފެބްރުއަރީ ހަތެއްގައި އިދިކޮޅުން ކުރި މުޒާހަރާތަކަކާއި ފުލުހުންނާއި ސިފައިން ވެސް ސަރުކާރާ ދެކޮޅަށް ތެދުވެ، ހިންގި ކަންތައްތަކަށް ފަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އޭރު ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެ މައްސަލަ ބަލަން އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ.

"މީގެ ހަތް އަހަރު ކުރިން މި ދުވަހު އެމްޑީޕީން ބުނި، މި އޮޑިއެއް ނުފެތޭނެ. މި އަޒުމެއް ނުގުޑާނެ، މި ފިކުރެއް ރާއްޖެއަކުން ނުފޮހެވޭނެ، އަޅުގަނޑުމެން އެނބުރި އަންނާނަމޭ،" މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް އެއީ ފެބްރުއަރީ އަށެއްގައި ދެއްކެވި ވާހަކަފުޅެކެވެ. ފެބްރުއަރީ ހަތެއްގައި އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ޓަކައި ދެއްކެވި ވާހަކަފުޅަށް ފަހު އެ ދުވަހު އެމްޑީޕީން އެއްވެސް އެއްވުމެއް ނުބާއްވަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އެއަށް ފަހު މާލޭގެ މަގުތަކަށް މުޒާހަރާ އަށް ނުކުތީ ޖެހިގެން އައި ދުވަހު އެވެ.

މިއަދު ކުރެއްވި ޓްވީޓްގައި ނަޝީދު ދެން ވިދާޅުވީ މިއަދު އެމްޑީޕީ އެނބުރި އައިސް މިތިބީ މާ އުފާވެރި ޚަބަރަކާ އެކުގައި ކަމަށެވެ.

"މިއަދު އެމްޑީޕީ މިތިބީ އެނބުރި އައިސް އަދި މާ އުފާވެރި ޚަބަރަކާ އެކު، އެޖެންޑާ19 އާ އެކު، އެމްޑީޕީ އަށް ވޯޓް ދެއްވާ ރާއްޖެ ސަލާމަތް ކުރައްވާ،" ޓްވީޓް ނިންމަވައިލައްވަމުން ވިދާޅުވެފައި ވެ އެވެ.

އެޖެންޑާ 19 އަކީ އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރަން އެމްޑީޕީން ގެންގުޅޭ ޝިއާރެކެވެ.

ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު އިރު، އެ ވެރިކަން ވައްޓައިލުމުގައި އިސްކޮށް އުޅުނު ކަމަށް އެ ޕާޓީ އާއި ނަޝީދު ތުހުމަތު ކުރައްވާ ގިނަ ފަރާތްތައް މިހާރު ތިބީ ވެރިކަން ކުރާ ކޯލިޝަންގެ އެއް ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގަ އެވެ. އެމްޑީޕީ އަށް ދެވަނަ ފަހަރަށް ވެރިކަން ލިބުނީ ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގި ކޮރަޕްޝަނާ ފަސާދައިގެ އަމަލުތަކާ ދެކޮޅަށް ނުކުތް ހުރިހާ ޕާޓީތައް އެކައްޗެއް ކިޔައި، ހުރިހާ ޕާޓީތައް ތަމްސީލުކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހު ނެރެ، ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެންނެވެ.