މައުމޫންގެ އާ ސިޔާސީ ޕާޓީ އުފައްދަން ހުށަހަޅައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ސިޔާސީ ޕާޓީ އުފައްދަވަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.


ޕީޕީއެމަށް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ގެއްލުމުންނެވެ. އެމްއާރްއެމްގެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންގެ ނަމުގަ އެވެ.

ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު، ޕީޕީއެމް ހިންގުން މައުމޫންއާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މައުމޫން އަދިވެސް ވިދާޅުވަމުން ގެންދަވަނީ، ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އެމްއާރުއެމް އުފައްދަވާ ކަން އިއުލާން ކުރައްވަން މައުމޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ، ނާއިންސާފާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް އަޒުމް ދޫކޮށްލައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ސިޔާސީ ކަންކަމުގައި ބައިވެރިވުމާއި ގައުމަށް ޚިދުމަތް ކުރުމަކީ ވަކި އުމުރެއް އޮތް ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ދެމިހުންނަވާނީ އިސްލާހީ މަސައްކަތުގައި ސާބިތުކަމާ އެކު ކަމަށް ވިދާޅުވި އެވެ.

އެމްއާރުއެމްއަކީ މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.

އެ ޕާޓީ ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.