އެމްއާރްއެމް ރަޖިސްޓަރީ ކޮށްދޭން އީސީން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.


އެ ކޮމިޝަނުން ކުރި ޓުވީޓެއް ގައި ބުނީ އެމްއާރުއެމްގެ ރަޖިސްޓަރީ ހަވާލުކުރުން އަންނަ ހޯމަ ދުވަހު ކަމަށެވެ.

އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދަން އީސީ އިން ހުއްދަ ދިނީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއް

އެމްއާރުއެމަކީ މައުމޫނ އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. މީގެ ކުރިން އެމަނިކުފާނު އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އެވެ. އެ ދެ ޕާޓީ ވެސް ތަފާތު ސަބަބުތަކާ ހެދި އެމަނިކުފާނުގެ އަތުން ވަނީ ގެއްލިފަ އެވެ.

އެމްއާރްއެމް އުފެއްދުމުގެ ޖަލްސާ ބޭއްވީ މި މަހުގެ ހަތް ވަނަ ދުވަހެވެ. އެ ޖަލްސާގައި، ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ހަމަޖެއްސީ މައުމޫން އެވެ. އަދި އެ ޕާޓީގެ އިންތިގާލީ ކޮމިޓީ އަށް 20 މެމްބަރުން އިންތިހާބުކުރަން ނިންމާފައިވާ ކަމަށް އެމްއާރްއެމުން ބުންޏެވެ. އެ ކޮމިޓީ އަށް އިންތިހާބުކުރާނީ 10 އަންހެނުންނާއި 10 ފިރިހެނުންނެވެ.

މީގެ އިތުރުން، އެމްއާރުއެމްގެ އަސާސީ ގަވާއިދު ވެސް މިހާރު ވަނީ ފާސްކޮށްފަ އެވެ. ޖުމްލަ 10 ބާބާއި 40 މާއްދާ ހިމެނޭ އެ އަސާސީ ގަވައިދުގައި އަންހެނުންނަށް ފުރުސަތުތައް ދިނުމަށް ބާރުއަޅާފައިވެ އެވެ.