މައުމޫންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.


މައުމޫންގެ ފަރާތްޕުޅުން އެމްއާރުއެމްގެ މުއައްސިސްގެ ގޮތުގައި ނަން ހުށަހެޅުއްވި ހަޔަ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންއާ، އީސީން މިއަދު ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ ހަވާލުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ ބޭނުމަކީ މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. އޭގެއިތުރުން ޕާޓީގެ އެއް މަގްސަދަކަށް ވާނީ، ސިޔާސީ ޕާޓީތައް ގުޅިގެން އެކުލަވާލި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރު ދެމެހެއްޓުން ކަމަށް ވިދާޅުވި އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދެން އޮންނާނީ ސައްހަ 3،000 މެމްބަރުން ހަމަކުރުމެވެ. އެ އަދަދު ހަމަވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ފުރުސަތު ފަހިވީ އެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ އެ ޖަލްސާ އަށް ފަހު ގާނޫނީ ކަންކަން ފުރިހަމަވުމުންނެވެ.

މައުމޫންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައާ، އިބްރާހިމް ހަަސަން ހަވާލުވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

ގިނަ ދުވަސްތަކެއް ވަންދެން މައުމޫނާ އެކު ސަރުކާރުގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން ވިދާޅުވި ގޮތުގައި މައުމޫންގެ ފިކުރު އުފެދުނީ މިއަދަކު ނޫނެވެ. އެ ފިކުރަކީ މީގެ 49 އަހަރު ކުރިން 1970 ގައި އުފެދިފައި އޮތް ފިކުރެއް ކަމަށާއި އެކި ދުވަސްވަރު ދިމާވަމުން އައި ކަންކަމާ ގުޅިގެން އެ ފިކުރު ވަރަށް ބޮޑަށް ރޫޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަލަށް އުފެދޭ ޕާޓީގެ މަގްސަދަކަށް ވާނީ ރޫޅިވިހާލި ވިއްސިވެގެން ގޮސްފައިވާ ބައިތައް ވެސް އެއްކޮށް، އަނެއްކާވެސް އަޅުގަނޑުމެން އެންމެން އެކީގައި ވަރަށް ވަރުގަދަ ފިކުރެއްގެ ގޮތުގައި އެމްއާރުއެމްގެ ފިކުރު ކުރިއެރުވުން،" ކަމާލުއްދީން ވިދާޅުވި އެވެ.

ޕީޕީއެމަށް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ގެއްލުމުންނެވެ. އެ ޕާޓީ ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.

ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު، ޕީޕީއެމް ހިންގުން މައުމޫންއާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެމްއާރުއެމްއަކީ މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.