ޚިޔާނާތުގެ ފައިސާއެއްގައި ނުޖެހެން: މެމްބަރުން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ މައްޗަށް ކުރާ ތުހުމަތު އެ މެމްބަރުން ދޮގު ކުރައްވައިފި އެވެ.


އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާއްމުކުރި ތަފްސީލް ރިޕޯޓުގައިވާ ގޮތުން ޚިޔާނާތުގެ ފައިސާ އިން މަޖިލީހުގެ 4 މެމްބަރަކަށް 9 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

އެސްއޯއެފް އިން ފައިސާ ޖަމާކުރި މެމްބަރުން:

- ހުސެއިން މަނިކު ދޮންމަނިކު/ ގުރައިދޫ ދާއިރާ 250،000 ޑޮލަރު (3،855،00 ރުފިޔާ)

- މޫސާ މަނިކު/ ހުޅުހެންވޭރު ދާއިރާ 100،000 ޑޮލަރު (1،542،000 ރުފިޔާ)

- ރިޔާޒް ރަޝީދު/ ވިލުފުށި ދާއިރާ 424،255 ޑޮލަރު (6،542،012 ރުފިޔާ)

- އަހްމަދު މަހްލޫފް/ ޔޫތު މިނިސްޓަރު 33،000 ޑޮލަރު (539،700 ރުފިޔާ)

މެމްބަރުން ވިދާޅުވި ގޮތުގައި، އެސްއޯއެފް އިން ފައިސާ ޖަމާކޮށްފައި ވަނީ އެ ކުންފުންޏާ އެކު ހިންގި ޑޮލަރުގެ މުއާމަލާތުތަކަށެވެ.

މެމްބަރު ހުސެއިން މަނިކުދޮންމަނިކު ވިދާޅުވީ އޭނާގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކޮށްފައި ވިޔަސް އެއީ އޭނާއާ ގާތް ގުޅުމެއް އޮންނަ އެހެން މެމްބަރެއްގެ ފައިސާ ކަމަށެވެ. ހިޔާނާތުގެ ފައިސާ އޭނާ ބޭނުން ކުރައްވާފައި ނޯންނާނެ ކަމަށާއި އެސްއޯއެފްގެ ޗެކެއް ޖަމާކުރީ ހިންގި މުއާމަލާތަކާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑާ އެކު އުޅޭ އެހެން މެމްބަރަކު ގަތް ޑޮލަރުތަކެއް އަޅުގަނޑުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ. އެއީ، އަޅުގަނޑާ ގުޅުން ހުރި ފައިސާއެއް ނޫން. އެ ފައިސާ ވާނީ އެ މެމްބަރާ ހަވާލުކޮށްފައި،" ހުސެއިން ވިދާޅުވި އެވެ.

އެއީ، މަޖިލީހުގެ ކޮން މެމްބަރަކު އެދިވަޑައިގެން އެސްއޯއެފުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ ކަމެއް ހުސެއިން ވިދާޅެއް ނުވެ އެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ހުސެއިން މަނިކަށް އެ ފައިސާ ދޫކުރީ ބޮޑުފަރު ބީޗް ރިސޯޓް އިން ކުއްޔަށް ހިފާފައިވާ އދ. ބޮޑުފަރު ފިނޮޅުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ދެއްކި 1،500،000 ޑޮލަރުގެ ތެރެއިންނެވެ. ހުސެއިން މަނިކުގެ އިތުރުން އެ ފައިސާ ބެހި ލިސްޓުގައި، ނުވަ ފަރާތެއް ހިމެނެ އެވެ.

"ރިޕޯޓުގައި އެ ބުނާ ރަށަކީ އަޅުގަނޑު ދަންނަ ރަށެއް ވެސް ނޫން. އެކުއިޒިޝަން ކޮސްޓެއް ވެސް ނުދައްކަން. އެމްއެމްޕީއާރުސީން، އަޅުގަނޑުގެ ނަމުގައި ރަށެއް ނަގާފައެއް ނުވާނެ،" ހުސައިން މަނިކު ވިދާޅުވި އެވެ.

އެސްއޯއެފް އިން ފައިސާ ޖަމާކުރި ކަމަށް ތަހުގީގު ރިޕޯޓުގައި އޮތަސް މޫސާ މަނިކު އެކަން ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭސީސީގެ ރިޕޯޓުގައި އޭނާގެ ނަން އޮންނަން ވީ ސަބަބެއް އެނގިވަޑައިނުގަންނަވަ އެވެ. އެއީ، އޭނާ އަށް ލިބިވަޑައިގަތް ފައިސާ އެއް ނޫން ކަމަށާއި އެ ކުންފުންޏާ އެކު އެއްވެސް މުއާމަލާތެއް ހިންގާފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

މެމްބަރު ރިޔާޒް ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެސްއޯއެފުން އޭނާ އަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާނެ ކަމަށެވެ. އޭގެ ފަހުން ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ.

ރިޔާޒްގެ ޓުވީޓް.

ރިޔާޒް ވިދާޅުވި ގޮތުގައި އެސްއޯއެފް އިން އޭނާގެ އެކައުންޓަށް ޖަމާކުރީ، މެރީޑިއަމް ކުންފުންޏާ އެކު ހިންގި މުއާމަލާތެއްގެ ފައިސާ އެވެ. މެރީޑިއަމަކީ އޭނާގެ މަސްލަހަތު އޮތް ކުންފުންޏެކެވެ.

އޭނާ އަށް އެ ފައިސާ އެސްއޯއެފުން ޖަމާކުރަން ޖެހުނީ، އެ ވަގުތު މެރީޑިއަމްގެ އެކައުންޓް ފްރީކޮށްފައި ހުރުމުން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އެ ފައިސާ މެރީޑިއަމްގެ އެހެން އެކައުންޓަކަށް ޖަމާކުރެއްވި ކަމަށާއި އޭސީސީގެ ތަހުގީގުގައި ވެސް އެ ވާހަކަ ހިއްސާކޮށްފައިވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑަށް އަދި އަޅުގަނޑު ނިސްބަތް ކުރެވޭ އެއްވެސް ބަޔަކަށް ނުވަތަ ކުންފުންޏަކަށް ވިއަސް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ލިބުނު ހައްގު ނޫން ފައިސާއެއް ނޯންނާނެ އެވެ،" ރިޔާޒް ވިދާޅުވި އެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާންގެ އެއްބަނޑު އެއްބަފާ ބޭބެ، މުހައްމަދު އިނާން ހުސެއިނަށް 150،000 ޑޮލަރު (2،313،000 ރުފިޔާ) ދޫކޮށްފައިވެ އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ހިއްސާ އޮންނަ ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑަށް 1،519،000 ޑޮލަރު ދޫކޮށްފައިވާ ކަމަށް ތަހުގީގު ރިޕޯޓުގައިވެ އެވެ.

ތިމަރުފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ކުރީގެ އަނބިކަނބަލުން ސާދާ އިބްރާހީމަށް 100،000 ޑޮލަރު (1،542،000 ރުފިޔާ) އެސްއޯއެފް އިން ދޫކޮށްފައިވެ އެވެ.