ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހަށް ކުރިމަތި ނުލައްވަން މަސީހު ނިންމެވީ ޖުމްހޫރީ ޕާޓީން ވާދަކުރާ ބައެއް ދާއިރާތަކަށް ޕީޕީއެމުން ކުރިމަތި ނުލާން އެޕާޓީން ނިންމި ނިންމުމާ އެއްގޮތަށް ކުރައްވާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މަސީހުގެ ބަހެއް އަދި ނުލިބެ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީން މުހައްމަދު ވިދާޅުވީ އިންތިހާބުގައި ވާދަ ކުރައްވަން މަސީހު ކުރިން ވެސް ޝައުގުވެރިކަން ފާޅު ކުރައްވާފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ އެކަން އިއުލާނު ނުކުރައްވާ ހުންނެވީ ޕާޓީއަށް މުހިއްމު ވަގުތުގައި އިއުލާނު ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ.

"މި އިންތިހާބުގައި ވާދަކުރައްވާކަށް މަސީހު ކުރިން ވެސް ނޫޅުއްވާ. ކުރިމަތިލެއްވުމަށް އެއްވެސް ކަމެއް ވެސް ނުކުރައްވާ. އެކަމަކު އޭނާ ކުރިމަތި ނުލައްވާކަން އިއުލާނު ކުރެއްވުން އެއީ ހަމަ ޕާޓީގެ ނިންމުމެއް،" މަތީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ކުރިމަތިލާ ބައެއް ދާއިރާތައް ޕީޕީއެމުން ދޫކޮށްލަން ނިންމި ނަމަވެސް އެއީ ކޮން ކޮން ދާއިރާތަކެއް ކަމެއް ޕީޕީއެމުން ވެސް އަދި ޖޭޕީން ވެސް ހާމައެއް ނުކުރެ އެވެ.

ފުވައްމުލަކުގެ ދެކުނު ދާއިރާގެ މެމްބަރު މަސީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ އިތުރުން އެ މަޖިލީހުގެ މެމްބަރުކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅެކެވެ. މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނި ވަޑައިގަންނަވަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މަސީހު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް މަސަައްކަތްކުރި އެވެ. އެކަމަކު އެކި ގޮތްގޮތުން ހުރަސްއަޅައި އެކަން ހުއްޓުވި އެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ އާއި ރައީސް ޔާމީނާ މަޝްވަރާ ކުރައްވާފައިވާ އިރު، އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ގެންދަވަނީ ޖުމްހޫރީ ޕާޓީން ބޭނުންވާ ބައެއް ދާއިރާތަކަށް ޕީޕީއެމާއި ޕީއެންސީން ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ނަން ނެގުމަށް އަންގަމުންނެވެ. އެގޮތުން މިހާރު ވެސް ގެމަނަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި ޖަމީލް އުސްމާން އިންތިޚާބުގައި ވާދަ ނުކޮށް ޖުމްހޫރީ ޕާޓީން ވާދަކުރައްވާ އަލީ އާދިލް އަށް ފުރުސަރު ދިނުމަށް ޔާމީން ވަނީ އަންގަވައިފަ އެވެ. ޔާމީން ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އާދިލަކީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އެވެ.