ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރަކަށް ޑރ. މައުސޫމް އައްޔަންކޮށްފި

ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެންވަޔަރުމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު އައްޔަން ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޭނާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.


ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމަށް މައުސޫމް އައްޔަން ކުރެއްވީ، ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އޭނާ އަކީ އެ ޕާޓީގެ ނައިބު ރައީސް އެވެ.

މައުސޫމްގެ އިތުރު ހަތް ބޭފުޅަކު ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި ރުހުން ދީފަ އެވެ.

މައުސޫމް ޓޫރިޒަމް މިނިސްޓަަރުކަން ކުރެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭގެ ފަހު އޭނާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. ނަމަވެސް ފަހުން ސިޔާސީ މަސައްކަތުން ދުރަށް ވަޑައިގެން އުޅުއްވީ ވިލާ ގްރޫޕުން ހިންގާ ސަން އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރަކަށެވެ.

ސިޔާސީ އަދި އަމިއްލަ ކުންފުނީގެ މަސައްކަތަށް ވަގުތު ދެއްވަން ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަމުން އޭނާ ވަކިވެވަޑައިގަތީ ޖެނުއަރީ 2018 ގަ އެެވެ.

މައުސޫމް އެންމެ ފަހުން އަދާކުރައްވާފައި ވަނީ ސްޓްރީމް ލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމެވެ.

ސަފީރުކަމުގެ ފަތްކޮޅު ޑރ. މައުސޫމަށް މިއަދު ދެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާއާ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގައި މިހާތަނަށް ސަފީރުކަމަށް ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ ތިން ގައުމަކަށެވެ. އެއީ ސިންގަޕޫރުގެ އިތުރުން އިންޑިއާ އަދި ސްރީ ލަންކާ އަށެވެ. މީގެ ތެރެއިން މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފައި ވަނީ އިންޑިއާގެ ސަފީރު އާއިޝަތު މުހައްމަދު ދީދީ އެކަންޏެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައި ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފަ އެވެ. ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް ހަމަޖައްސާފައި ވަނީ އުމަރު އަބްދުއްރައްޒާގެވެ.