ދުވެލި މަޑުކުރުމަށް އެދި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް

ސިނަމާލެ ބްރިޖާއި އެއާ ގުޅޭ މަގުތަކުގައި އެކްސިޑެންޓުތައް ހިނގުން އިތުރުވާތީ ދުވެލި މަޑު ކުރުމަށް އެދި އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް މިއަދު ހިންގައިފި އެވެ.


މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ އެވެ. ބައެއް ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ނަރުހުންނާއި މުވައްޒަފުން މި ހަރަކާތުގައި ބައިވެރިވެ، އާންމުން ހޭލުންތެރި ކުރުވާފައިވެ އެވެ.

އެކްސިޑެންޓުތައް އިތުރުވެފައިވާތީ އާންމުން ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތް. --- ފޮޓޯ: މިހާރު

"އަނިޔާއެއް ލިބިގެން އަންނަ މީހާ ފުރަތަމަ ވެސް މި އަންނަނީ ހޮސްޕިޓަލަށް. އަޅުގަނޑުމެންނަށް ފެނޭ އަނިޔާ ލިބޭ މީހާގެ އާއިލާއިންނާއި ރައްޓެހިން އަޅާ ވޭނާއި ކެކުޅުން. އެހެންވެ ބޭނުމަކީ އެކްސިޑެންޓުތައް މަދު، އަމާން ރައްކާތެރި ތަނަކަށް މަގުތައް ހެދުން،" މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

މި ހަރަކާތުގައި ބައިވެރިވި މީހުން ތިބީ "މަޑުދުވެލި ހިޔާރު ކުރައްވާ"، "މަގުމައްޗަކީ އަމާން ތަނަކަށް ހަދަމާ"، "ރައްކާތެރިވާށެވެ، ރައްކާތެރިކޮށްދޭށެވެ"، "މަގު ހުރަސް ކުރަން ކަފިހި ހުރަސް ހިޔާރު ކުރައްވާ"، "ބިރަކާ ނުލައި މަގު ހުރަސް ކުރެވެން ޖެހޭނެ" ފަދަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

އެކްސިޑެންޓުތައް އިތުރުވެފައިވާތީ އާންމުން ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތް. --- ފޮޓޯ: މިހާރު

މީގެ އިތުރުން، އެކްސިޑެންޓުތަކުގެ މަންޒަރުތައް ސިފަވާ ގޮތަށް ވެސް ބައެއް މީހުން ތިއްބެވެ. އަދި ބައެއް މީހުންނަށް އަނިޔާވެގެން ފަރުވާދޭ މަންޒަރު ވެސް ވަނީ ސިފަކޮށްދީފަ އެވެ.

ފަހަކަށް އައިސް، ސިނަމާލެ ބްރިޖާއި އެއާ ގުޅޭ ހައިވޭގައި އެކްސިޑެންޓު ހިނގުން ގިނަވެ، ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިންގުން އާންމުވެފައިވާތީ، ސައިކަލް ދުއްވާއިރު އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ބްރިޖުގައި ދަތުރު ކުރާ މީހުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި އެކްސިޑެންޓުތައް މަދު ކުރުމުގެ ބޭނުމުގައި ފުލުހުން ވަނީ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކެއް ވެސް ފަށައިފަ އެވެ.