ލ. ފޮނަދޫން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހައިލުމުން ހުކުރު ދުވަހުގެ ރޭ އިރާކޮޅު ގެއްލުނު ޒުވާނާ ހޯދަން ޑައިވިިން ރޮބޮޓް ބޭނުންކުރަން ފަށައިފި ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒް ހޯދަން އެމްއެންޑީއެފުން ގެންދަނީ އެ ތަނުގެ ހުރިހާ ވަސީލަތެއް ވެސް ބޭނުންކުރަމުންނެވެ. އެގޮތުން ނައިޓް ވިޝަން ގޮގްލްސް ބޭނުންކޮށްގެން ވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ.
އެކަމަކު ޝިމާގެ އެއްވެސް ހަބަރެއް މިހާތަނަކަށް ނުވެ އެވެ.
ލ. ފޮނަދޫން އެ އަތޮޅު މާމެންދުއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީގައި ޝިމާގެ އިތުރުން ހުރީ އެ ޑިންގީގެ ކެޕްޓަން އިބްރާހިމް ފަޒީލެވެ.
އެކަމަކު އޭނާ ވަނީ ފަތާފައި ގޮސް، ކައިރީގައި އޮތް ސިކްސް ސެންސަސް ރިޒޯޓަށް އަރައިފަ އެވެ.
ޑިންގީ ބަންޑުންޖަހާލީ ޑިންގީގެ ޕެޓްރޯލް ހުސްވުމުން ޕެޓްރޯލް އަޅަނިކޮށް ޖެހި ރާޅަކުން ކަމަށް، ފަޒީލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ޝިމާ އަށް ފަތަން ނޭނގޭތީ އޭނާ ހިފަހައްޓައިގެން އޮންނާނެ ހަމަކާއި ފޯނެއް ދީފައި ފަޒީލު ސިކްސް ސެންސަސް ރިޒޯޓާ ދިމާއަށް ފަތައިގަތީ އެހީއެއް ހޯދާށެވެ.
އެމްއެންޑީއެފާއި ފުލުހުން މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން ޝިމާ އާއި ޑިންގީ ފެނިފައެއް ނުވެ އެވެ.