މީކާއިލްގެ ކެމްޕެއިން ޖަގަހަ އަށް ގެއްލުންދީ މަރުގެ އިންޒާރުދީފި

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި، އެމްޑީޕީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވާ މީކާއިލް އަހުމަދުު ނަސީމްގެ ޖަގަހަ އަށް ރޭ މެންދަމު ގެއްލުންދީ މަރުގެ އިންޒާރު ދީފި އެވެ.


އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ މީކާއިލް ކުރެއްވި ޓްވީޓެއް ގައި ވިދާޅުވީ، އޭނާގެ ކެމްޕެއިން ބިލްބޯޑުތަކާއި ބެނާތައް ހަލާކުކޮށް، މަރުގެ އިންޒާރުދީ އެންމެ ފަހުން ޖަގަހަ އަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ. އެކަމެއް ހިނގީ، ރެހެންދި މަގުގައި ހަލާކުކޮށްލާފައިވާ ބެނާތަކެއް ފުލުހުންނަށް ދައްކަނިކޮށް ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވެއްޖެ ކަމަށާއި އެކަމަކު އަދިވެސް މިނިވަންކަމާ އެކު ކެމްޕެއިން ކުރުމުގެ މާހައުލު ކަށަވަރުނުވާ ކަމަށެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާ އަށް މީކާއިލްގެ އިތުރުން ފަސް ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ދާންދޫ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު އަސްއަދު (ޕީޕީއެމް) އާއި ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް (ޖުމްހޫރީ ޕާޓީ) އާއި އައިމިނަތު ނާދިރާ (އެމްއާރުއެމް) އާއި ގ. ވާކްހައުސް އަހުމަދު އާޒިމް (އަމިއްލަ ގޮތުން) އަދި ގ. ތުނަ މިރުފަތު އިސްމާއިލް ޝަފީގު (އަމިއްލަ ގޮތުން) އެވެ. އެމްޑީޕީގެ ޓިކެޓުގައި ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރެ އެވެ.