އެމްޑީޕީގެ ކެންޑިޑޭޓު ހައިތަމްގެ ކެމްޕެއިން ޖަގަހަ އަށް ގެއްލުން ދީފި

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބުގައި، އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ހައިތަމްގެ ކެމްޕެއިން ޖަގަހަ އަށް ރޭ ފަތިހު ގެއްލުންދީފި އެވެ.


ހައިތަމް މިއަދު "މިހާރު" އަށް ވިދާޅުވީ މައްޗަންގޮޅި ސަހަރާ ކައިރީގައި ހުންނަ ކެމްޕެއިން ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައި، އެ ސަރަހައްދުގައި ދަމާފައި ހުރި ބައެއް ބެނާތައް ވެސް ނައްޓާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ބަޔަކު ދިން އިންޒާރެއް ކަމަށް ގަބޫލުކުރެއްވެ އެވެ.

"ގާ ބުރިއެއް އެއްލައިގެން ޖަގަހައިގައި ހުރި ބިއްލޫރިގަނޑެއް ތަޅާލާފައި ހުރީ. އަދި ދާއިރާގެ އެކި ހިސާބުތަކުގައި ދަމާފައި ހުރި ބެނާތައް ވެސް އެބަހުރި ނައްޓާލާފައި. މަގު ހުރަހަށް ދަމާފައި ހުރި ބެނާތައް ނަގާފައި، އެހެން ކެންޑިޑޭޓެއްގެ ބެނާތައް ދަމާފައި ހުރީ،" ހައިތަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަގަހަ އަށާއި ބެނާތައް ނައްޓާލުމުގެ ސަބަބުން ކެމްޕެއިން ޓީމުގެ ބައެއް މީހުންނަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މާލޭގެ މަގެއްގައި ދަމާފައި ހުރި ހައިތަމްގެ ކެމްޕެއިން ބެނާއެއް ނައްޓާލާފައި.

"ބައެއް މީހުން ޖެހިލުން ވާނެ ކެމްޕެއިންގައި ދެން އުޅެން،" ހައިތަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު މާފަންނު އިހްސާން ފިހާރަ ކައިރީގައި ހުރި ހަ ސައިކަލެއް ރޯކޮށްލި އިރު، އެތަނުން އެއް ސައިކަލް ދުއްވަނީ އޭނާގެ ކެމްޕެއިންގައި އިސްކޮށް އުޅޭ މީހެކެވެ. އެހެންވެ މިފަދަ ކަންކަމުން އެއީ އިއްތިފާގެއް ނޫން ކަމަށް އޭނާ ތުހުމަތުކުރައްވަ އެވެ.

ނަމަވެސް ދާއިރާގެ ގޮނޑި ހޯއްދަވަން ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ހައިތަމް ވިދާޅުވި އެވެ. އަދި މިކަމުން ކެމްޕެއިނަށް ބުރުލެއް ވެސް ނާރާނެ ކަމަށް ވިދާޅުވި އެވެ.