ޔާމީން ވަގުތުން މިނިވަންކުރަން ގާސިމް ގޮވާލައްވައިފި

މަނީލޯންޑަރިންގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން ދޫކޮށްލަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.


އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވަމުން ގާސިމް ވިދާޅުވީ، "ވާނުވާ ޖަހާފައި" ޖަލުގައި ބެހެއްޓުމަކީ އެއްވެސް ވަރަކަށް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، ޝަރީއަތް ނިމެންދެން މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖަލުގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ޔާމީން ދޫކޮށްލަން، ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް ގޮވާލެއްވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރޭ އަމުރުތަކަށް، ޖަލު މީހުން ކިޔަނީ "ވާނުވާ ޖެހުން" އެވެ. މިއީ، ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ ސިޔާސީ އިދިކޮޅު ބައެއް މީހުންނާ މެދު ވެސް އަމަލުކޮށްފައިވާ އުސޫލެއް ކަމަށްވާއިރު ކުރިން ވެސް ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި މައްސަލަ އެކެވެ.

ޔާމީން މިނިވަންކުރަން ގާސިމް ގޮވާލެއްވިއިރު، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ ޖޭޕީގެ 27 ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ޔާމީންގެ ޕީޕީއެމް/ކޮންގްރެސް ޕާޓީން ރޭ ވަނީ ނިންމައި އެކަން އިއުލާން ކޮށްފަ އެވެ. ޖޭޕީގެ 43 ކެންޑިޑޭޓަކު ވެސް މި އިންތިޚާބުގައި ވާދަކުރައްވަ އެވެ.

ގާސިމް މިރޭ ވިދާޅުވީ، ފުލުހުން އިންޓެލިޖެންސް ރިޕޯޓު ހަދާ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ކުރިފުޅު މަތީގައި ދެ ފުލުހަކު ރިޕޯޓު ހަދައި ދޮގު ހުވާކޮށް ބަޔާންދީފައިވާ ކަމަށެވެ. އެހެންވެ، އެފަދަ ރިޕޯޓަކަށް ބަލައި ޝަރީއަތް ނިމެންދެން ނުބެހެއްޓޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެންވީމާ މި ދަންނަވަނީ އިންޓެލިޖެންސް ރިޕޯޓުގެ ފެންވަރު އަޅުގަނޑުމެން ދަންނަމޭ. އެހެންވީމާ އަޅުގަނޑު ގޮވާލަން ބޭނުންވަނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާނުވާ ޖަހާފައި ޖަލަކު އެހެން ނުބޭންދޭނެއޭ. މިހާރުން މިހާރަށް ދޫކުރައްވާށޭ،" ޔާމީންގެ ސަރުކާރުގެ ދުވަސްވަރު 'ވާނުވާ' ޖެހުމުގެ ތަޖުރިބާ ކުރައްވާފައިވާ އަދި އެކަމާ ދެކޮޅަށް އޭރު ވެސް އަޑުއުފުއްލެވި ގާސިމް ވިދާޅުވި އެވެ.

"އަނިޔާވެރިނުވާނަމޭ ކިޔައިގެން އަބްދުﷲ ޔާމީން އެހެން ޖަލަށް ލައިގެން ނުބޭންދޭނެ. ދޫކުރާށޭ. ދޫކުރާށޭ. ވާނުނާ ޖަހާފައި ނުބޭންދޭނެ. އަދުލް އިންސާފު ލިބެންޖެހޭނީ ހުރިހާ އެންމެންގެ މައްޗަށް ވެސް ހަމަހަމަކޮށް."

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރަނގަޅަސް ނުބަޔަސް ގައުމަށް އެހާ ބޮޑެތި ޚިދުމަތްތަކެއްކޮށް ވެރިކަން ކުރައްވާފައިވާ ބޭފުޅުން އެގޮތަށް ރަހުމެއް ހަމްދަރުދީއެއް ނެތިގެން ޖަލަށް ލައިގެން ނުވާނެ އެވެ. އަދި ވިދާޅުވީ، ކޮންމެ ބޭފުޅަކަށް ވިޔަސް އޮންނަން ޖެހޭނީ އެ އުސޫލު ކަމަށެވެ.

ޔާމީނާއި ގާސިމް: ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބަންދު ކޮށްފައިވާ މައްސަލައިގައި ގާސިމް ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައި.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އިންސާފުވެރި ޝަރީއަަތަކަށް ފަހު އަދަބު ދޭންވީ ކަމަށާއި ނަމަވެސް އިންޓެލިޖެންސް ރިޕޯޓެއް ލިބިއްޖެއޭ ކިޔައި، ކޯޓުތަކުން ވެސް އެގޮތަށް "ހުކުމް ކޮށްދޭތީ" ވަރަށް ހިތާމަކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިޒަމްގެ ދައުވާކުރުމުން އެކަމާ އޭރު ވެސް ދެކޮޅު ހެއްދެވި ކަމަށް ގާސިމް ވިދާޅުވި އެވެ.

ވެރިކަން ކުރައްވާ ކޮންމެ ބޭފުޅަކު އުމުރަށް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ނަމަ އެއީ ބޮޑު އުނދަގުލެއް ކަމަށާއި އެއީ އެކަން ވާންޖެހޭ ގޮތްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.

މި ފަހުގެ ތާރީޚުގައި ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވެރިކަމަށް ފަހު ޖަލުގެ ތަޖުރިބާ ނުކުރައްވާ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފަހު ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން ވެސް އެކި މައްސަލަތަކާ ގުޅިގެން ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވެ އެވެ.

"އަނިޔާވެރިނުވާނަމޭ ކިޔައިގެން އަބްދުﷲ ޔާމީން އެހެން ޖަލަށް ލައިގެން ނުބޭންދޭނެ. ދޫކުރާށޭ. ދޫކުރާށޭ. ވާނުނާ ޖަހާފައި ނުބޭންދޭނެ. އަދުލް އިންސާފު ލިބެންޖެހޭނީ ހުރިހާ އެންމެންގެ މައްޗަށް ވެސް ހަމަހަމަކޮށް." ގާސިމް

ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގާސިމް ވިދާޅުވީ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ދަނިކޮށް އިނގިރޭސި ވިލާތަށް ވަޑައިގެން ތިން އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވިއިރު ޖެހުނުތާ ލަކުނު ވެސް ނެތް ކަމަށާއި އެއީ "ހަމަ ބަރާބަރު ސާފު ފޮތިގަނޑެއް" ކަމަށެވެ.

މުއްދަތެއް ނެތް ގޮތަށް ޖަލުގައި ޔާމީން ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވަނީ ޖަލުގެ ކުޑަ ގޮޅީގެ ތަޖުރިބާ ކުރެއްވިފައި ވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ދައްކާ ވާހަކަތަކަށް ފަހު ފުލުހުން އެމަނިކުފާނު ގެންދަން އައި ކަމަށް ވިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީން، އެ ކޯލިޝަނުން ވާދަނުކުރާ ދާއިރާތަކަށް، ޖޭޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމާފައި ވާތީ އެކަމަށް ޝުކުރު އަދާކުރައްވައި ގާސިމް ވިދާޅުވީ، އެ ޕާޓީން ވާދަނުކުރާ ދާއިރާތަކަށް ވެސް ކޮގްރެސް ޕާޓީގެ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއިދުކުރާނެ ކަމަށެވެ. އެކަން އެގޮތަށް ކުރަން ނިންމި ގޮތް މާދަމާ ރޭ ބާއްވާ ކޮންފަރެންސްގައި ހިއްސާ ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.