ކައުންސިލަށް ބަދަލުކުރި މުވައްޒަފުންގެ އެލަވަންސް އުނިކުރުމުން ޝަކުވާ ކުރަނީ!

ހައުސިން މިނިސްޓްރީީގެ ދެ ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށް، ސްޕެޝަލް ޑިއުޓީ އެލަވަންސް އުނިކުރުމުން ޝަކުވާ ބޮޑުވެއްޖެ އެވެ.


ސިޓީ ކައުންސިލްގެ ވަޒީފާގައި ތިއްބައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހައުސިން މިނިސްޓްރީ އަށް ދިން ބާރުތަކާ އެކު އެތަނަށް ބަދަލުކުރި މުވައްޒަފުން ސިޓީ ކައުންސިލަށް އަނބުރާ ގެނައީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެއީ، ހައުސިން މިނިސްޓްރީގެ އާއްމު ޚިދުމަތްތަކާ ބެހޭ ޑިޕާޓްމެންޓާއި ލޭންޑް އެންޑް އިންފްރާ ސްޓްރަކްޗާގެ ގާތްގަނޑަކަށް 100 މުވައްޒަފުންނެވެ.

ހައުސިން މިނިސްޓްރީގައި އެ މުވައްޒަފުން މަސައްކަތްކުރި އިރު، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް ދެ އެވެ. އެކަމަކު ކައުންސިލަށް ބަދަލުކުރުމާ އެކު އެ އެލަވަންސް ވަނީ އުނިކޮށްފަ އެވެ.

ނަން ހާމަނުކުރަން އެދި ބައެއް މުވައްޒަފުން ބުނިގޮތުގައި، ލިބެމުން އައި އިނާޔަތެއް ކުއްލިއަކަށް ކަނޑާލުމުން، ދިރިއުޅުމުގެ ޚަރަދުތައް ފޫބައްދަން ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ގޭގެ ކުއްޔާއި ދިރިއުޅުމުގެ ޚަރަދުތައް ވޭތުވެދިޔަ ތިން އަހަރު ހަމަޖައްސަމުން އައީ އެ އިނާޔަތާ އެކުގައި ކަން ވެސް މުވައްޒަފުން ފާހަގަކުރި އެވެ.

"އެކި މުވައްޒަފުންނަށް އެކި މިންވަރަށް އިނާޔަތް ދެމުން އައީ. އަސާސީ މުސާރަ، 5،000 ގައި އުޅޭ މުވައްޒަފުންނަށް ގާތްގަނޑަކަށް 1،700ރ. ލިބޭ. އެއީ މުސާރައިގެ ނިސްބަތުން ބޮޑު އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެއްޗެއް،" އެކަކު ބުންޏެވެ.

މި ޝަކުވާ ސިޓީ ކައުންސިލްގައި އުފުލުމުން، އެތަނުން މުވައްޒަފުންނަށް ފޮނުވި ލިއުމެއްގައި ވަނީ ކައުންސިލަކީ އެ އެލަވަންސް ކަނޑައަޅާފައި އޮތް އިދާރާއެއް ނޫން ކަމަށެވެ. އެހެންވެ މުވައްޒަފުންނަށް އެ އެލަވަންސް ހަމަޖައްސައިދެވެން ނެތް ކަމަށެވެ. އެކަމަކު، ކައުންސިލުން ވަނީ އެ އެލަވަންސް ހަމަޖައްސައިދޭން ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާކޮށްފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަނީ، އެކަމުގައި ފިނޭންސްގެ ލަފައެއް ހޯދައިފަ އެވެ.

"ފިނޭންސުން ދިން ލަފައަކީ، ކައުންސިލްތަކުގެ ބަޖެޓުގައި އެ ޚަރަދު ހިމަނާފައި ނުވާތީ ކައުންސިލް އިދާރާތަކަށް އެ އެލަވަންސް ހަމަޖައްސައިދޭން ނުފެންނަ ކަމަށް،" މުވައްޒަފަކު ބުންޏެވެ.

"އަޅުގަނޑުމެން ސިޓީ ކައުންސިލަށް ބަދަލުކުރިއަސް ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނާދޭ. އަޅުގަނޑުމެން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރަނީ ސަރުކާރުތަކުން ބޭނުންވެގެން. އެހެންވީމަ ލިބެމުން އައި މުސާރަ އާއި އިނާޔަތްތައް އުނިވެގެން ވާނެ ކަމަކަށް ނުދެކެން. ވަރަށް ހިތާމަކުރަން، އަޅުގަނޑުމެންގެ އުނިކުރި އެލަވަންސް ހޯދަން މަސައްކަތް ކުރަމުން އަންނަނިކޮށް، އެކަމަށް ގޮތެއް ހޯދައި ނުދީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ކަންކަން ކުރިއަށް ގެންދާތީ،"

އެ މުވައްޒަފުން ދެކޭ ގޮތުގައި 2019 ވަނަ އަހަރުގެ ބަޖެޓް ކަނޑައެޅި އިރު، އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމަނާފައި ވަނީ ހައުސިން މިނިސްޓްރީގެ ބަޖެޓުގަ އެވެ.

އެ މައްސަލައިގައި ހައްލެއް ނުލިބުމުން މުވައްޒަފުން ވަނީ ރައީސް އޮފީހަށް ވެސް ޝަކުވާ ހުށަހަޅައިފަ އެވ.

އެ ސިޓީގައި މުވައްޒަފުން ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު ލިބެމުން އައި އެލަވަންސެއް އުނިވެގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ދެރަ އެކެވެ. އެ އެލަވަންސް ހޯދަން މުއައްސަސާތަކަށް ހުށަހަޅައިގެން ކުރި މަސައްކަތުގެ ލިއުންތަކާ އެކު މުވައްޒަފުން އެދިފައި ވަނީ އެ އެލަވަންސް އަލުން ހަމަޖައްސައި ދިނުމަށެވެ. އެއާއެކު އެކަމުގައި ހައްލެއް ހޯދައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް ވެސް ވަނީ އަލުން ހުށަހަޅައިފަ އެވެ.