މާލޭގެ ރަސްފަންނު ސަރަހައްދު މޫދުގައި ނަޖިސް ހުރިތޯ ކަށަވަރު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ތަހުލީލު ކުރަން ފަށައިފި އެވެ.
ގިނަ އަދަދަކަށް މީހުން މޫދަށް އެރި އުޅޭ ސަރަހައްދުން ނަޖިސް ފެނިގެން އެތަނަށް އެރިއުޅުން މަނާކޮށް، ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ.
އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، "މިހާރު" އަށް ވިދާޅުވީ އެ ސަރަހައްދުން ނަޖިސް ފެންނަނީ ކީއްވެގެން އަދި ދެނެގަނެވިފައިނުވާ ކަމަށެވެ. އެކަން ބަލަން ތަހުލީލުތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަން ތަހުލީލު ކުރުމަށް ފަހު ވަކި އެއްޗެއް އެންގުމުން ނޫނީ އެ ސަރަހައްދަށް މޫދަށް ނޭރުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ. އެ ތަހުލީލުތަކަށް ނަގާނެ މުއްދަތެއް ނޭނގޭ ކަމަށް ވެސް މައިމޫނާ ވިދާޅުވި އެވެ.
މޫދަށް އެރުމުގެ އިތުރުން އެތަނުގައި މޫދު ކަސްރަތުގެ ގިނަ ކްލާސްތަކެއް ވެސް ކުރިއަށް ގެންދެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކި މީހަކު އިއްޔެ ބުނީ އޭނާ ރަސްފަންނު ސަރަހައްދަށް ދިޔައިރު މޫދަށް އެރޭ ސަރަހައްދުގައި ފެންމަތީގައި ގިނަ އަދަދަކަށް ނަޖިސް ދައުރުވަމުންދިޔަ ކަމަށެވެ. ކުލަ ބަދަލުވެ، ހުދު ކުލައިގައި އެ ތަކެތި ހުރުމުން ގިނަ މީހުންނަށް އެއީ ނަޖިސްކަން ފާހަގަނުވާ ކަމަށާއި އެކަމަކު އެ އެއްޗެހި އަތަށް ނެގުމުން އެއީ ނަޖިސްކަން ޔަގީންވާ ކަމަށް އޭނާ ބުންޏެވެ.
ރަސްފަންނު ހުޅުވިތާ ކައިރީގައި 2016 ވަނަ އަހަރު ވެސް ވަނީ ވެސްޓް ޕާކާއި ދިމާލު މޫދަށް ބާލާފައިވާ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާއި ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ގިނަ އަދަދަކަށް ނަޖިސް ފެނިފަ އެވެ. އެ ފަހަރު އެ ސަރަހައްދު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ އެ މޫދުގެ ލޮނުގަނޑުގެ ޓެސްޓްތައް ހެދުމަށް ފަހު އެއީ މޫދަށް އެރެން ރައްކާތެރި ތަނެއް ކަމަށް ހެލްތު މިނިސްޓްރީން އޭރު ބުނުމުންނެވެ.
އެ ސަރަހައްދު އަލުން ހުޅުވާލުމުގެ ގޮތުން އެންމެ ފުރަތަމަ މޫދަށް އެރިވަޑައިގަތީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.