އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލޯންޑަ ކުރި އެސްއޯއެފްގެ އެކައުންޓުން، އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމަށް ފައިސާ ޖަމާކުރި މައްސަލައިގައި އިދާރީ ފިޔަވަޅު އަޅާފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އޭނާ އަށް ދިން ސިޓީއެއްގައި ބުނެފި އެވެ.

އާޒިމްގެ އެކައުންޓަށް 50،000 ޑޮލަރު (771،000ރުފިޔާ) ޖަމާވި އިރު، އޭނާ އަކީ އެމްއެމްޕީއާރުސީއާ ގުޅޭ ހިޔާނާތުގައި އެމްޕީއެލް އިން ޑޮލަރު ގަތް މައްސަލަ ތަހުގީގުކުރަން އޭސީސީން އެކުލަވާލި ޓީމުގެ އިންވެސްޓިގޭޓަރެކެވެ. އޭނާގެ އެކައުންޓަށް ޑޮލަރު ޖަމާވި މައްސަލައިގައި އިދާރީ ފިޔަވަޅު އެޅި ކަމަށް އޭސީސީން ކުރިން ބުނެފައިވެ އެވެ.

އޭސީސީގެ ވަޒީފާ އިން ވަކިކުރި ގޮތާ މެދު ހަގީގަތާ ޚިލާފު ވާހަކަތަކެއް ފެތުރިފައިވާ ކަމަށް ވިދާޅުވެ އާޒިމް މިހާރު ވަނީ ވަޒީފާ އިން ވަކިކުރި ކަމުގެ ލިއުން އެ ކޮމިޝަނުން ހޯދައިފަ އެވެ.

އާޒިމް "މިހާރު" އާ ހިއްސާކުރެއްވި އޭސީސީގެ ލިއުމުގައިވާ ގޮތުން އޭނާ ވަޒީފާ އިން ވަކިކުރީ އަމިއްލަ އަށް އެދިގެންނެވެ. ވަޒީފާ އަދާކުރި މުއްދަތުގައި އެއްވެސް އިންޒާރެއް ނަސޭހަތެއް، ނުވަތަ އެއްވެސް އެންގުމެއް އަންގާފައިވާ ކަން ކޮމިޝަނުގެ ރެކޯޑުތަކުން ފެންނަން ނެތް ކަމަށް އެ ލިއުމުގައިވެ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އޭސީސީން އޭނާއާ މެދު ފިޔަވަޅު އެޅި ކަމަށް އެ ކޮމިޝަނުން ކުރިން ބުނުމަކީ އޭނާ ވަޒީފާ އަދާކުރި އިޚްލާސްތެރިކަމާ ދޭތެރޭ ސުވާލު އުފެއްދުމެވެ.

އޮޑިޓަ ޖެނެރަލަކަށް އިބްރާހިމް ނިޔާޒް ހުންނެވި އިރު ނެރުއްވި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން ފާހަގަކުރެއްވި މައްސަލަތައް، އޭސީސީން ތަހުގީގު ކުރެއްވުމުގައި އާޒިމް އުޅުއްވި އެވެ. އޭނާއާ ހަވާލުކުރީ، އެމްޕީއެލް އިން ޑޮލަރު ގަތް މައްސަލަ ތަހުގީގު ކުރުމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި، އޭސީސީގެ ތަހުގީގު ޓީމަށް ނެގުމުން، ތަހުގީގުގައި ބައިވެރިވާން އިންކާރު ކުރެއްވީ އަމިއްލަ އަށެވެ.

"އެ ތަހުގީގުގައި އަޅުގަނޑެއް ނޫޅެން، އަމިއްލަ އަށް އިއުތިރާޒްކުރިން،" އާޒިމް ވިދާޅުވި އެވެ.

"ޑޮލަރު ގަންނަ ވާހަކަ އެންގިން، އެސްއޯއެފުން ޑޮލަރު ގަތް ވާހަކަ ވެސް ބުނިން. އޭރު އެސްއޯއެފުން ވިއްކަނީ އެމްއެމްޕީއާރުސީގެ ޑޮލަރު ކަމެއް ނޭނގެ. އެކަމާ މެދު ސުވާލު އުފެދިގެން، އެސްއޯއެފުން ކިހިނެއް ހޯދާ ޑޮލަރު ކަމާ މެދު ސުވާލު އުފައްދައި އޭސީސީގެ މެމްބަރުންގެ ސަމާލުކަމަށް ވެސް ގެނައިން."

އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާއްމުކުރުމާ އެކު މި ސަރުކާރުން ވަނީ އާޒިމް ވެސް ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. އެއީ، ސަރުކާރުން ގެންގުޅޭ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން އެޅުއްވި ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އާޒިމްގެ އެކައުންޓަށް ޑޮލަރު ޖަމާވި މައްސަލަ އޭސީސީން ތަހުގީގުކޮށް ނިންމާފައި ވަނީ، އޭނާގެ ކުށެއް ނެތް ކަމަށެވެ. އޭނާއާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް މިހާރު ބަލަމުން ނުދާ ކަމަށް ވެސް އޭސީސީން އާޒިމަށް ދިން ލިއުމުގައި ވަނީ ބުނެފަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުން މުދާ ގެންނަން ބޭނުންވާ އޭނާގެ ރަހުމަތްތެރި ވިޔަފާރިވެރިންނަށް ޑޮލަރު ހޯދައި ދިނުމަކީ އަބަދުވެސް އޭނާ ކުރައްވަމުން އަންނަ ކަމެކެވެ. އެސްއޯއެފުން 50،000 ޑޮލަރު ގަތް ގޮތާއި އެ ފައިސާ އޭނާގެ އެކައުންޓްގެ ތެރެއިން ދައުރުވި ގޮތް ތަހުގީގީ އިދާރާތަކަށް މިހާރު ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.