މައުމޫނާއި ނަޝީދުގެ "އަބުރު ކަތިލި" މައްސަލަ ނަގައިފި

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދުގެ "އަބުރު ކަތިލައި" ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރިޕޯޓެއް ގެނެސްދިނުމުން އެކަން ބަލައިދޭން އެދި ފުލުހުންނަށް ހުށަހެޅި މައްސަލަ ނަގައިފި އެވެ.


އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ އަންހެން ސަޕޯޓަރެކެވެ.

އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފަށް އޭނާ ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމުގެ މަގުސަދު އޮވެގެން، ސަރުކާރުގެ މެމްބަރުން ފާސްކުރި އާ ގާނޫނުގެ ދަށުން އަބުރުގެ ދައުވާކުރަން ބޭނުންފުޅު ނުވާ ކަމަށް މައުމޫނާއި ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

މައްސަލަ ބާތިލްކޮށްދޭން އެދި ފޮނުވި ސިޓީގައި އޭނާ ބުނެފައި ވަނީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވަނީ، މިހާރު އޮތް އަބުރާ ބެހުމުގެ ގާނޫނު، ދީނީ ހަމަތަކާއި ގާނޫނުއަސާސީއާ ފުށުއަރާތީ ކަމަށެވެ.

އެ ގާނޫނު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ދުވަހުގެ ރޭ މައުމޫނާއި ނަޝީދުގެ އަބުރަށް ހުތުރުވާ ގޮތަށް ޕީއެސްއެމުން ރިޕޯޓެއް ގެނެސްދިނީ އެ ދެ ބޭފުޅުން ކުރެއްވި ޓުވީޓެއްގެ މާނަ އޮޅުވާލައިގެންނެވެ. އެ ރިޕޯޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ޕީއެސްއެމްގެ ވެބްސައިޓުން ފަހުން ވަނީ ރިޕޯޓް ނަގައިފަ އެވެ.

މައުމޫނާއި ނަޝީދުގެ އަބުރަށް ގެއްލުން ލިބޭ ގޮތަށް ފޮނުވި ރިޕޯޓްގެ މައްސަލަ އެ ދެ ބޭފުޅުންނާ ގުޅުމެއް ނެތް މީހަކު ހުށަހެޅުމުން، އޭރު ވެސް ބެލެވުނީ އެއީ އެ ގާނޫނަކީ ރަނގަޅު އެއްޗެއްކަން ދައްކަން ސަރުކާރުގެ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއްގެ ގޮތުގަ އެވެ. މިހާރުގެ ގާނޫނު އޮތީ މީހެއްގެ އަބުރާ ބެހިއްޖެކަން ސާބިތުވެއްޖެ ނަމަ އެ މައުލޫމާތެއް ފެތުރި މީޑިއާއެއް ބޮޑުވެގެން 2 މިލިއަން ރުފިިޔާ އިން ޖޫރިމަނާކުރުމުގެ ފުރުސަތު ދީފަ އެވެ. އަދި އެ ލިއުމެއް ލިއާ މީހަކަށް އަންނަ ޖޫރިމަނާ ނުދައްކައިފި ނަމަ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށް ވެސް ލެވެ އެވެ. ގާނޫނު ބުނާ ގޮތުން އަބުރާ ބެހުމަކީ ދައްކާ ވާހަކައެއް، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް، ތަސްވީރެއް، އިޝާރާތެއް، ދައްކާ ހަރަކާތެއް، އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ އިއްޒަތަށް އުނިކަން ލިބޭނެ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން ނުވަތަ އިހްސާސް ކުރެވޭ ކޮންމެ ބަހެކެވެ.