ހޮވޭ ޕާޓީން ވަކި ނުވެވޭ ގޮތް ހަދަން ޖެހޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ޕާޓީތަކުގެ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް އެޕާޓީ ދޫކޮށް ނުދެވޭ ގޮތަށް ގާނޫނެއް ހަދަން ޖެހޭ ކަމަށާއި ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ވެސް އެކަން އެގޮތަށް ހަމަޖައްސަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި މެދު ދާއިރާއަށް އިންތިހާބުވެފައިވާ ނަޝީދު ޕީއެސްއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ރައްޔިތުން ވަކި ފިކުރެއްގައި މެމްބަރަކު އިންތިހާބު ކުރީމާ ފިކުރު ބަދަލު ކުރުމަކީ އިންސާފެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގާނޫނީ އޮނިގަނޑާއި މަޖިލީހުގެ ގަވައިދަށް ގެންނަ ބަދަލުތަކާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް އެކުގައި ތިބެވޭނެ އެވެ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ނެރުނު މެނިފެސްޓޯ "އެޖެންޑާ 19"ގައި އެންޓި-ޑިފެކްޝަން ގާނޫނުގެ ވާހަކަ ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުން ވަކި ޓިކެޓެއްގައި މީހަކު އިންތިހާބު ކުރީމާ ދެން އެމީހާ ރައްޔިތުންނަށް ގޮން ޖަހައި، އެހެން ސިޔާސީ ފިކުރަކަށް ބަދަލު ކުރުމަކީ އެއްގޮތަކަށް ވެސް، އެއީކީ އިންސާފުވެރި ގޮތެއް ކަމުގައި އެކަކު ވެސް ނުދެކޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެންޓި- ޑިފެކްޝަން ގާނޫނު އުވާލި އިރު އެކަމަށް މެމްބަރުން ދެއްކެވި ހުއްޖަތަކީ ގާނޫނު އަސާސީއާ ހިލާފުވުންކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ވެސް އެ ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތް ހަދަން އެންޓި-ޑިފެކްޝަން ގާނޫނެއް ފާސްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަޖިލީހުގައި ސަރުކާރަށް އޮތް މެޖޯރިޓީ ބޭނުންކޮށްގެންނެވެ. އެގާނޫނު އެކި ގޮތް ގޮތަށް މާނަކޮށް، އެ ގާނޫނުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ވެސް އޭރު ކަނޑައެޅި އެވެ.

އެންޓި-ޑިފެކްޝަން ގާނޫނަކީ ގާނޫނު އަސާސީއާ ޚިލާފް ގާނޫނެއް ކަމަށް ބުނެ އޭރު އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމީ އެ ގާނޫނު ސައްހަ ކަމަށެވެ.

އެންޓި-ޑިފެކްޝން ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބު ވެވަޑައިގެންނެވި ފަހުން މިދިޔަ އޮކްޓޯބަރު މަހު އެވެ. އެ ގާނޫނު އުވާލުމުގެ ބިލް ޔާމީން ތަސްދީގު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވައިކުރެއްވުމުގެ ދެތިން ދުވަސް ކުރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިެކޓްގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ކެމްޕޭނުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. މިހާރު/ފައިލް ފޮޓޯ

މެމްބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގާނޫނެއް ގެންނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގައި ލިބިފައިވާ ބޮޑު މެޖޯރިޓީއާ އެކު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް އެކުގައި ގެންގުޅުމުގައި ހުންނާނެ ގޮންޖެހުންތަކާ މެދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލަށް ދެއްވި ޖަވާބުގައި ނަޝީދު ފާހަގަ ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ހޮވުނު މެމްބަރުންނަކީ އެތެރޭގެ މަގާމުތަކަށް އިންތިހާބުވެ، އެއަށް ފަހު ޕްރައިމަރީއަކުން ޓިކެޓް ހޯއްދެވި ބޭފުޅުން ކަމަށް ވާތީ ޕާޓީގެ ފިކުރު ވަރަށް ބޮޑަށް ބަލައިގެންފައިވާ ބޭފުޅުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި އެބޭފުޅުންނަށް އެމްޑީޕީގެ ފިކުރާ އަދި މިކަމުގައި ތިބުމާއި އެކީގައި މަސައްކަތް ކުރުމާއި މިކަންކަން ވަރަށް ސާފުވެވަޑައިގަންނަވާނެ،" ނަޝީދު ވިދާޅުވި އެވެ.