މަލިކާ ބެހޭ ގޮތުން ޖާބިރު ވިދާޅުވީ އަމިއްލަ ޚިޔާލެއް: ހޫދު

ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާ ބެހޭ ގޮތުން ކާށިދޫ ދާއިރާގެ އިންތިޚާބީ ކެންޑިޑޭޓު އަބްދުﷲ ޖާބިރު ވިދާޅުވީ، އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވެއްޖެ އެވެ.


ޕީއެސްއެމުން އިއްޔެ ގެނެސްދިން ޖާބިރުގެ އިންޓަވިއުގައި އޭނާ ވިދާޅުވީ، ރާއްޖޭގެ ބައެއްގެ ގޮތުގައި މަލިކު އޮއްވައި، އިންޑިއާ އިން އެ ރަށް ނަގަން ޖެހުނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށެވެ. އެހެންވެ، މަލިކު މައްސަލައިގައި ރާއްޖެ އާއި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ، މަލިކުގެ މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާޒިރު ކުރައްވައި ސުވާލު ކުރައްވާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އޭނާ ވިދާޅުވީ، އަންނަ ޖޫން މަހު ފަށާ 19 ވަނަ ރައްޔިތުންގެ މަޖިލިހަށް މަލިކު މައްސަލައިގައި ޝާހިދު ހާޒިރު ކުރައްވާނެ ވާހަކަ އެވެ.

"ތައްޔާރުވާށޭ ފޮރިން މިނިސްޓަރު،" މަޖިލިހުގައި އެންމެ ފުރަތަމަ މަސައްކަތް ކުރައްވާނީ އިންޑިއާގެ ބައެއްގެ ގޮތުގައި މަލިކު ހަމަޖެއްސި ސަބަބު ހޯދަން ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަތުން މަލިކު ގެއްލުނީ ރާއްޖެ ފަގީރުވުމުންނެވެ.

"މި އޮތް ކުޑަ ގައުމުން ބޮޑު އެއްޗެއް ގެއްލިގެން މި އުޅެނީ ކީއްތޯ ވީ؟ އެއްވެސް މީހަކު ޖަވާބެއް ނުދޭ. ފަހަރަކު އަތޮޅެއް މިހެން ގެއްލެން ވެއްޖިއްޔާ އަޅުގަނޑުމެން ނުތިބޭނެ ނޫންތޯ؟،" ޖާބިރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ވެސް ހުންނެވި ޖާބިރު، މަލިކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގެ މައްސަލައިގައި ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ޖާބިރުގެ އަމިއްލަ ހިޔާލުތަކެއް ކަމަށެވެ. އެއީ ދިވެހި ސަރުކާރުން އެއްވެސް ވަރަކަށް ތާއީދު ކުރާ ކަމެއް ނޫން ކަމަށް ވެސް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ހޫދު ވިދާޅުވި އެވެ.

ހޫދު މިރޭ ކުރެއްވި ޓުވީޓު.

ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާއި އެ ޖަޒީރާގެ މީހުންނާއި ދިވެހިންނާ ވަރަށް އެއްގޮތެވެ. ރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތުން ނިމުމަކަށް އައީ 300 އަހަރު ކުރިންނެވެ. މިހާރު މަލިކަކީ އިންޑިޔާގެ ވެރިކަމެއް ހިނގާ ރަށެކެވެ. މަލިކުގެ އާބާދީ އުޅެނީ 10،000 އަށްވުރެ މަތީގަ އެވެ.

ޕީއެސްއެމްގެ އިންޓަވިއުގައި ޖާބިރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަތަރާ އެކު އޮތް ގުޅުން ކަނޑާފައިވާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހުގެ ކުރިން ދެ ގައުމުގެ ގުޅުން އިޔާދަ ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.