ތުޅާދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމާ ގުޅޭ އޯޑިއޯގެ މައްސަލަ ޕޮލިހަށް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަކީ "ސުޕްރީމް ކޯޓުން ނިންމާފައި އޮތް ކަމެއް" ކަމަށް ބުނާ އޯޑިއޯގެ މައްސަލަ ތަހުގީގުކޮށްދޭން އެދި ފުލުސް އޮފީހަށް ރޭ ހުށަހަޅައިފި އެވެ.


ތުޅާދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމާ ބެހޭ ގޮތުން ދެ މީހަކު ވާހަކަ ދައްކާ އޯޑިއޯއެއް ލީކުވެފައި ވާއިރު އެއީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ފަރާތުން ވަކީލަކާ ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ ކަމަށް ބެލެވެ އެވެ. އެ މައްސަލައިގައި ވަކީލު ހަމައެކަނި ކުރަން ޖެހޭ ކަމަކީ ސުޕްރީމް ކޯޓަށް ދިއުން ކަމަށާއި ބޭނުންވާ ގޮތަށް މައްސަލަ ނިމެނޭ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ދޭހަވާ ގޮތަށް އޯޑިއޯގައި ވާހަކަ ދައްކަ އެވެ.

އެއީ، ނާޖާއިޒު ނުފޫޒެއް ފޯރުވުން ކަމަށް ބުނެ މައްސަލަ ތަހުގީގުކޮށްދޭން އެދުނީ އެމްޑީޕީން އެ ދާއިރާ އަށް ކުރިމަތިލައްވައި ހޮވިވަޑައިގެންނެވި ގާނޫނީ ވަކީލް ހިސާން ހުސެއިންގެ ކެމްޕޭން އެޖެންޓު މުހައްމަދު އާދިލް އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ލީކުވި އޯޑިއޯގައި، މައްސަލަ ހުށަހަޅާ ފަރާތުން އެދޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމައިދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވާހަކަ ދެއްކުމަކީ ސީރިއަސް ކަންބޮޑުވުމެއް ކަމަށެވެ. އެއީ، ނުފޫޒު ފޯރުވައި އިންތިޚާބުގެ ނަތީޖާ ބާތިލްކުރަން އުޅުން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އޯޑިއޯ އިން ދޭހަވަނީ ނުފޫޒު ފޯރުވާކަން. އެގޮތަށް ނުފޫޒު ފޯރުވުމަކީ ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން،" އާދިލް ވިދާޅުވި އެވެ.

އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ތައްޔާރުވީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ދާއިރާގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކުގަ އެވެ. އެއީ، އިދިކޮޅު ޕީޕީއެމުން އެ ދާއިރާ އަށް ޓިކެޓް ދިން މުހައްމަދު އަތީފްގެ ތާއީދު ފަހު ވަގުތު، ޕީޕީއެމުން އަނބުރާ ގެންދިއުމާ އެކު އޭނާގެ ހައްގުތަކެއް އިލެކްޝަންސް ކޮމިޝަނުން ގެއްލުވާލި ކަމުގެ ޝަކުވާތަކަކާ އެކުގަ އެވެ.

އެކަމަކު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އިއްޔެ ވިދާޅުވެފައި ވަނީ، އިންތިޚާބުގެ ނަތީޖާ ބާތިލްކުރާނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނުދެއްކޭނެ ކަަމަށެވެ.

ލީކުވި އޯޑިއޯގައި ވާހަކަ ދައްކާ ވަކީލު، މައްސަލައާ ގުޅޭ ގޮތުން ހުރި ލިޔެކިޔުންތަކާ ގުޅޭ ގޮތުން ސުވާލު ކުރެ އެވެ. އަނެއްކޮޅުން ވާހަކަ ދެއްކި މީހާ ބުނަނީ ޕީޕީއެމުގެ ސިޓީއަކާއި އިލެކްޝަންސް ކޮމިޝަނުގެ ސިޓީއެއް އެބައޮތް ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ނިންމީ، ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށް ވެސް އޭނާ ބުނެ އެވެ.

"އަހަރެމެން ބޭކާރު ކަމެއް ނުކުރާނެ ދޯ. ހަމައެކަނި، ވަކީލް މާބޮޑު އަޑުއެހުންތަކަކަށް ދާކަށް ނުޖެހޭނެ. އެންމެ އެއްޗަކުން މީތި، ކޯޓު އަމުރެއް ދޯ ނެރޭނީ. އަނެއްހެން މީގައި މާބޮޑު ވަކާލާތު ކުރުމެއް ނޯންނާނެ،" އޭނާ ބުންޏެވެ.

އެއީ، ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ވަކީލް އަހްމަދު ޒަނީނެވެ. އޭނާ އަށް "މިހާރު" އިން ގުޅުމުން ވިދާޅުވީ އޭނާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވެފައި އޮތް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު މައްސަލަ ކޯޓަށް ވައްދަން އުޅޭ ވާހަކަ ދޮގެއް ނުކުރައްވަ އެވެ.