ބިގަށް ފައިސާ ދިން މައްސަލަ އޭޖީން އަލުން ބަލަން މާލިއްޔަތު ކޮމިޓީން އެދެފި

ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް، ދައުލަތުގެ މީޑިއާ ޕީއެސްއެމުން 30 މިލިޔަން ރުފިޔާ ދިން މައްސަލަ އަލުން މުރާޖާކޮށްދިނުމަށް މާލިއްޔަތު ކޮމެޓީން އެޓާނީ ޖެނެރަލް އޮފީހުގައި އެދެފި އެވެ.


ޕީއެސްއެމުން އެ ފައިސާ ބިގަށް ދިނީ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބިގާ އެކު ވެފައި އޮތް އެއްބަސްވުމަކާ ގުޅިގެންނެވެ.

އެ އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސް ވުމުން ޖޫރިމަނާ އަރަމުން ގޮސް، ސިވިލް ކޯޓުން އެންމެ ފަހުން ނިންމާފައި އޮތީ 78 މިލިއަން ރުފިޔާ، އެމްއެންބީސީން ދެއްކުމަށެވެ. އެމްއެންބީސީގެ މުދަލާއި މާލީ ޒިންމާތައް ނަގަން ޖެހެނީ މިހާރު ޕީއެސްއެމް ކަމަށް ވާތީ، އެގޮތަށް އެއްބަސްވެ، އެންމެ ފަހުން އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދެއްކީ މިދިޔަ މަހު އެވެ.

އޭސީސީން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީއަށް ރިއާޔަތްކޮށް އެ މައްސަލަ އެޓާނީ ޖެނެރަލްއަށް އަލުން ހުށަޅަން މާލިއްޔަތު ކޮމެޓީން މިއަދު ނިންމީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެގޮތަށް ހުށަހަޅުއްވައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ތާއީދު ކުރެއްވުމުން ނެގި ވޯޓުގަ އެވެ. ވޯޓުގައި ބައިވެރިވި އަށް މެމްބަރުންގެ ތެރެއިން ހަ މެމްބަރުން އެ ހުށަހެޅުމަށް ވޯޓު ދެއްވި އެވެ.

ގަފޫރު ވިދާޅުވީ އޭޖީ އޮފީހުން އެކަން ބަލައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު ނާޅައިފި ނަމަ ސްޕްރީމް ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. ދެން ފެށޭ މަޖިލީހުން ވެސް އެކަން ކުރައްވާނެ ކަމަށް، ހަނިމާދޫ ދާއިރާއަށް މި ފަހަރު އިންތިޚާބުވި ގަފޫރު ވިދާޅުވި އެވެ.

އެ މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވާތީ ދެން އެ މައްސަލާގައި ޝަރުއީ ދާއިރާ އިން ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓަށެވެ.

އެމްޑީޕީގެ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް އެކުންފުންޏަށް ފައިސާ ދީފައިވުމަކީ "ގޯހެއް" ކަމަށެވެ.

"ސަރުކާރާ ގުޅުންހުރި މިހާވަރުގެ ޕޭމަންޓެއް މިހާތަނަށް ދޫކޮށްފައެއް ނެތް ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން ނޫނީ. ހައި ކޯޓު އެބައޮތް. ސުޕްރީމް ކޯޓު އެބައޮތް. މީގެން އެއްވެސް ކޯޓަކަށް ނުގޮސް ދަށު ކޯޓުން ކަނޑައެޅުމުން ފައިސާ ދީފައި މިއޮތީ،" މުސްތަފާ ވިދާޅުވި އެވެ.

ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްޑީޕީގެ ކުރީގެ ސަރުކާރުން އުފެއްދި އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ 5 މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އޭގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.

ކޮމެޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ) ވިދާޅުވިގޮތުގައި އެ މައްސަލަ އެ ހިސާބަށް ދިޔައީ އެތައް ބައެއްގެ އިހުމާލުންނެވެ. އެގޮތުން މާލިއްޔަތު ކޮމެޓީ އާއި އޭސީސީގެ އިތުރުން ޕީއެސްއެމްގެ ކުރީގެ ވެރިންގެ އިހުމާލު ވެސް ވާކަމަށް ނާޝިދު ވިދާޅުވި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް، ވަނީ އޭސީސީން އިތުރަށް އެ މައްސަލަ ބަލައި އެއްވެސް ފަރާތެއްގެ އިހުމާލެއްވާ ނަމަ އެފަރާތަކާމެދު ފިޔަވަޅު އެޅުމަށް ކޮމެޓީން އެ ކޮމިޝަނަށް ލަފާ ދިނުމަށް ހުށަހަޅާފަ އެވެ.

އެ ނިންމުމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވަނީ ތާއީދު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެކުންފުނިން ހޯދަން އެދުނު އަދަދަށް ވުރެ އިތުރަށް ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށާއި އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންކުރާ ގޮތެއް ނޫން ކަމަށެވެ. މިސަރުކާރުން އެ ކުންފުންޏަށް ފައިސާ ދޫކުރި ސަބަބު ބަލަން ޖެހޭ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

"އެ އެއްޗެއްގެ އަދަދަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ނުވަތަ ބަދަލެއް ވެސް ނުދެވޭނެ ކަމަށް ކުރީގައި ކޯޓަކުން ހުކުމް ވެސް ކޮށްފައި އޮންނާނީ. މިއީ ކުރެވޭނެ ކަމެއްތޯ؟" ދީދީ ވިދާޅުވި އެވެ.

ނަމަވެސް އެ ހުށަހެޅުމަށް ކޮމެޓީގައި ވޯޓަށް އަހާފައެއް ނުވެ އެވެ.

ބިގަށް ފައިސާ ދޫކުރި މައްސަލަ އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ.