ލަންކާގައި ދިން ހަމަލަތަކާ ގުޅިގެން ފުލުހުންނާއި ސިފައިން މަޝްވަރާކޮށްފި

ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ޓެރަރިސްޓް ހަމަލާތަކެއް ދީ އެތައް ބަޔަކު މަރުވުމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އިސް ވެރިން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.


އެމްއެންޑީއެފުން ބުނީ މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ސިފައިންގެ އިސް ބައެއް ވެރިންގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) އާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެމްއެންޑީއެފުން މިރޭ ކުރި ޓުވީޓު.

މި މަޝްވަރާތަކުގައި މިފަދަ ނުރައްކާތެރި ހާދިސާއަކުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެމްޑީއެފްގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނާއި ސިފައިން ބުނީ ލަންކާގައި ދިން ހަމަލާއާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ. ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި ލަންކާގެ އަށް ތަނަކަށް ދިން ހަމަލާގައި އެއްވެސް ދިވެއްސަކު ބައިވެރިވުމެއް އޮތް ކަމުގެ މައުލޫމާތެއް ލަންކާ އިން އަދި މިހާތަނަށް އަންގާފައެއް ނުވެ އެވެ.

މީގެއިތުރުން ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރާއްޖެ އަށް އެފަދަ ހަމަލައެއް ދީފާނެ ކަމުގެ މައުލޫމާތެއް މިހާތަނަށް އައިއިރު ލިބިފައި ނުވާ ކަމަށް ސިފައިންނާއި ފުލުހުން ބުންޏެވެ.

ދިވެހިން ވެސް ވަރަށް ގިނަ އިން އުޅެމުން އަންނަ ބައެއް ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވުރެ މަތިވެފަ އެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 400 އަށް ވުރެ މަތީގަ އެވެ. ބޮމުގެ ހަމަލަތަކާ ގުޅިގެން ލަންކާގައި ކާފިއު ވަނީ އިއުލާންކޮށްފަ އެވެ.