ހައި ކޯޓުގެ ގޮފިތަކަށް ހުށަހެޅި މައްސަލަތައް އެތައް ގުނައެއް އިތުރުވެއްޖެ

ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ހައި ކޯޓުގެ ދެ ގޮތްޕަށް ހުށަހެޅި މައްސަލަތައް ވަރަށް ބޮޑުތަން އިތުރުވެއްޖެ އެވެ.


ހައި ކޯޓު ދެ ގޮފި ދެ ސަރަހައްދެއްގައި ގާއިމްކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް 2014 ގައި އިސްލާހު ގެނައުމުން ދެކުނުން ސ. މީދޫގައި އަދި އުތުރުން ހދ. ކުޅުދުއްފުށީގައި ވަނީ ހައި ކޯޓުގެ ގޮތްޕެއް ގާއިމްކޮށްފަ އެވެ. އޭގެ ތެރެއިން އުތުރު ގޮތްޕަށް ފަނޑިޔާރުން ހަމަނުޖެހޭތީ އެ ގޮފީގެ މަސައްކަތް އަދި ނުފަށަ އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ އަހަރު ގޮފިތަކަށް ހުށަހެޅި މައްސަލަތަކަށް ވުރެ މި އަހަރުގެ މިހާތަނަށް ހުށަހެޅި މައްސަލަތައް 119 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ދެކުނު ގޮތްޕަށް ހުށަހެޅީ 28 މައްސަލަ ކަމަށް ވިޔަސް މިއަހަރުގެ މިހާތަނަށް އެ ގޮތްޕަށް ވަނީ 87 މައްސަަލަ ހުށަހަޅައިފަ އެވެ.

މިއަހަރާއި މިދިޔަ އަހަރު ދެކުނު ގޮތްޕަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 80 މައްސަލައެއް ވަނީ ނިންމައިފަ އެވެ.

އުތުރު ގޮތްޕަށް މިދިޔަ އަހަރު ހުށަހެޅީ 30 މައްސަލަ ނަމަވެސް މިއަހަރުގެ މިހާތަނަށް 40 މައްސަލަ އެ ގޮތްޕަށް ވަނީ ހުށަހަޅައިފަ އެވެ. އުތުރު ގޮފީގެ މަސައްކަތް އަދި ނުފެށޭތީ އެ ގޮތްޕަށް ނިސްބަތްވާ މައްސަލަތައް މިވަގުތު ބަލަނީ މާލޭގެ ހައި ކޯޓުންނެވެ.

ޑީޖޭއޭ އިން ބުނީ އުތުރު ގޮތްޕަށް ފަނޑިޔާރުން ކަނޑައެޅުން ފިޔަވައި، އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އެ ގޮތްޕަށް ފަނޑިޔާރުން ކަނޑައެޅުން ލަސްވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ނުކުރެވި އޮތުމުންނެވެ. ގޮފިތަކަށް އައްޔަންކުރަނީ މާލޭގެ ހައި ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރުންތަކެކެވެ.