މައުސޫމާއި އާޒިމްގެ ސަސްޕެންޝަން ވެސް އުވާލައިފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލޯންޑަ ކުރި އެސްއޯއެފްގެ އެކައުންޓުން، ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމަށް ފައިސާ ޖަމާކުރި މައްސަލާގައި ރައީސް އޮފީހުން ކޮށްފައިވާ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.


މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ސަސްޕެންޝަންގައި ހުންނެވި ދެ ބޭފުޅުންގެ ސަސްޕެންޝަން މިއަދު އުވާލިކަން ރައީސް އޮފީހާއި ޕްރަވަޓައިޒޭޝަން ބޯޑުން ވަނީ ޔަގީން ކޮށްދީފަ އެވެ.

އެ މައްސަލާގައި ސަސްޕެންޑް ކުރި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން މީގެ ކުރިން ވަނީ އުވާލައިފަ އެވެ.

މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެސްއޯއެފުން ޑޮލަރު ޖަމާކުރި އެވެ. އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، އޭގެ ތެރެއިން އެއް ކުންފުންޏަކީ، ސީޖީޓީ ޕްރައިވެޓް ލިމިޓެޑެވެ. ދެ ކުންފުންޏަކަށް އެސްއޯއެފުން 6.1 މިލިއަން ޑޮލަރު (93.5 މިލިއަން ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން، ދެ ކުންފުނީގެ ތެރެއިން އެންމެ ގިނަ ފައިސާ ޖަމާކުރީ ސީޖީޓީ އަށެވެ. އެއީ، 5.7 މިލިއަން ޑޮލަރު (88.5 މިލިއަން ރުފިޔާ) ކަމަށް ރިޕޯޓުގައިވެ އެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން މައުސޫމް ނެރުއްވި ބަޔާނުގައި ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭސީސީ އިން އެ މައްސަލަތަކާ ގުޅޭ ގޮތުން އޭނާއާ އެއްވެސް ސުވާލެއް ކޮށްފައެއް ނުވެ އެވެ. އެ ރިޕޯޓުގައި އެއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި ނެތްއިރު ރިޕޯޓުގެ ސަބަބުން އޭނާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އާޒިމްގެ އެކައުންޓަށް 50،000 ޑޮލަރު (771،000ރުފިޔާ) ޖަމާވި ކަމަށ އޭސީސީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުން މުދާ ގެންނަން ބޭނުންވާ އޭނާގެ ރަހުމަތްތެރި ވިޔަފާރިވެރިންނަށް ޑޮލަރު ހޯދައި ދިނުމަކީ އަބަދުވެސް އޭނާ ކުރައްވަމުން އަންނަ ކަމެކެވެ. އެސްއޯއެފުން 50،000 ޑޮލަރު ގަތް ގޮތާއި އެ ފައިސާ އޭނާގެ އެކައުންޓްގެ ތެރެއިން ދައުރުވި ގޮތް ތަހުގީގީ އިދާރާތަކަށް މިހާރު ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.