ރަސްފަންނު މޫދު ހުޅުވާލައިފި

ނަޖިސް ފެނިގެން މިދިޔަ މަހު ފަހުކޮޅުން ފެށިގެން ބަންދުކޮށްފައިވާ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފި އެވެ.


ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް، "މިހާރު" އަށް ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން އެ ސަރަހައްދު ހުޅުވާލާފައިވާ ކަމަށެވެ.

"އެޗްޕީއޭގެ ކްލިއަރެންސް ލިބިގެން އަލުން ހުޅުވާފައި އެވަނީ،" އޭނާ ވިދާޅުވި އެވެ.

ރަސްފަންނު ސަރަހައްދުގެ މޫދަށް ނަޖިސް ވަނީ ކިހިނެއް ވެގެން ކަމެއް މާލޭ ސިޓީ ކައުންސިލަކުން ނުބުނެ އެވެ. ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ އެޗްޕީއޭ އިން ކުރި ތަހުލީލުތަކުން، އެ ސަރަހައްދުގެ ލޮނުގަނޑުގައި ނަޖިސް ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ރަސްފަންނު މޫދުގައި ނަޖިސް: އެތަން އަލުން ހުޅުވާލީ ޓެސްޓްތައް ހެދުމަށް ފަހު ރައްކާތެރިކަން ޔަގީން ކުރުމަށް ފަހުގައި ކަމަށް ސިޓީ ކައުންސިލުން ބުނޭ--

ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ލޮނުގަނޑުގެ ފެން ނަގައިގެން ޓެސްޓު ކުރަމުން ދަނިކޮށް ވެސް ނަޖިސް ލެެއްގި ކަމަށެވެ. ވެސްޓު ޕާކް ރެސްޓޯރަންޓު ކުރިން ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ކުރިން ވެސް ގިނަ އަދަދަކަށް ނަޖިސް ފެނުނެވެ.

ނަމަވެސް، މިހާރު އެކަން ހައްލު ކޮށްފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ. އެކަމަކު ހައްލުކުރީ ކިހިނެއް ކަމެއް އަދި ވިދާޅެއް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަސްފަންނު ހުޅުވި ދުވަސްވަރު ވެސް އެ މައްސަލަ ކުރިމަތިވި އެވެ. އެ ފަހަރު ނަޖިސް ފެނި އެތަން ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ލޮނުގަނޑުގެ ޓެސްޓުތައް ހެދުމަށް ފަހު އެއީ މޫދަށް އެރެން ރައްކާތެރި ތަނެއް ކަމަށް އޭރުގެ ހެލްތު މިނިސްޓްރީން ބުނުމުންނެވެ.

ރަސްފަންނުގެ މޫދަކީ އެކި އުމުރުގެ ގިނަ ބަޔަކު އެރި އުޅޭ ސަރަހައްދެކެވެ. މޫދު ކަސްރަތު ކުރުމަށް ވެސް ގިނަ ބަޔަކު އެ ސަރަހައްދު ބޭނުންކުރެ އެވެ.