މި ދުވަސްވަރު ޑެންގީ ހުން އިތުރުވަމުން ދާތީ މާލެ އާއި ވިލިމާލޭގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މަދިރި ކޮންޓްރޯލް ކުރުމަށް މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސް ބިންތައް ފޮގުކުރުމާއި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަނަށް ބޭސް އެޅުމާއި ނައްތާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މަދިރި ކޮންޓްރޯލް ކުރުމަކީ އެ އިދާރާއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތަކަށް ވިޔަސް، މި ދުވަސްވަރު ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާތީ މިކަމަށް ސަމާލުކަން ދީފައިވާ ކަމަށެވެ. އެއީ އެޗްޕީއޭއިން ވެސް ކޮށްފައިވާ އިލްތިމާސާ ގުޅިގެންނެވެ.
އެޗްޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އީދު ޗުއްޓީގައި ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ އިރު ޑެންގީ ފަދަ މަދިރީގެ ޒަރިޔާއިން ފެތުރޭ ބަލިތައް ކޯންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ހާއްސަ ސަމާލުމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭގެ ބަޔާނުގައި ބުންޏެވެ.
ސަމާލުވާންވީ ކަންކަން:
- ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް ހަފާ މަދިރިއަކަށް ވާތީ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- ޑެންގީ މަދިރި އަލާވާ، ފެންހެދޭ ނުވަތަ ފެންހަރުލާ ތަންތަން ނައްތާލުން.
- ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި ބޮޑެތި ބަލިތައް ހުންނަ މީހުނަށް ނުރައްކާތެރި ބައްޔަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދިނުން.
- ތިން ދުވަހަށް ވުރެ ގިނައިން ހުން އައިސް، ޑެންގީގެ ނުރައްކާތެރި އަލާމަތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުން.