މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ކަނޑައަޅައި، މިރޭ އިއުލާންކޮށްފި އެވެ.

މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމަށް ފަހު އިއްވި ބަޔާނުގައި ވަނީ މިރޭ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައިނުވާ ކަމަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އެހެންވެ، ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށް އެ ބަޔާނުގައިވެ އެވެ

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަނޑައެޅިއިިރު، ފަލަކީ ހިސާބުތަކުން ވެސް ދައްކަމުން އައި ގޮތުން މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.